01 Dec 2015, 12:33
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް 15 ދުވަހަށް އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
އެންމެ ފުރަތަމަ ޒިޔަތުގެ ބަންދަށް 15 ދުވަސް ޖެހުމުން އެ ބަންދުގެ މައްސަލަ ވެސް ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުން ނިންމީ ޒިޔަތު ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށެވެ.
ދެވަނަ ފަހަރަށް ޒިޔަތު އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު 11:00 ގައި ހައިކޯޓުގައި ވަނީ ބާއްވައިފައެވެ.
ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރިސޯޓް ހަދަން ރަށްތަކެއް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެ ޕާޓްމަންޓް ފާސްކުރުމަށް ފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އެމްއެމްޕީއާރްސީގެ އޮފީސް ވެސް ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެ އެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.