01 Dec 2015, 11:41
ލޮސްއެންޖެލެސް (ޑިސެމްބަރ 1):އެމެރިކާގެ ކެލިފޯނިއާގައި ދިރިއޮއްވައި ވަޅުލާފައި އޮތް ދެ ދުވަސް ނުފުރޭ ކުޑަ އަންހެން ކުއްޖަކު ފެނިއްޖެ އެވެ.
ކެލިފޯނިއާގެ ލޮސްއެންޖެލެސްގެ މަގެއް ކައިރީ އެކުއްޖާ ވަޅުލާފައި ވަނީ ކުނި އާއި ވެލީގެ ދަށުގައި އެވެ. ބަރުދަނުން ދެ ކިލޯ ހަމަނުވާ އެކުއްޖާ ފެނުނީ އެ މަގުން ހިނގާފައި ދިޔަ އަންހެނަކަށް ކުއްޖާގެ ރުއިމުގެ އަޑު އިވުމުންނެވެ.
ކުއްޖާގެ ރުއިމުގެ އަޑު އިވުނު އެވަންޖެލީނަ މެކްކުރެރީ އާއި އެންޖެލިކާ ބްލަންޓް ބުނީ އެންމެ ފުރަތަމަ ކުޑަކުއްޖާގެ އަޑު އިވުމުން އެމީހުން ހީކުރީ އެއީ ބުޅަލެއްގެ އަޑު ކަމަށެވެ. ނަމަވެސް އެކަން ޔަގީން ނުވުމުން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށް އެ ދެ މީހުން ބުންޏެވެ.
އެ ސަރަހައްދަށް ދިޔަ ކަމާބެހޭ ފަރާތްތަކުން ބުނީ ފޮތިގަނޑެއް ގައިގައި އޮޅާފައި އޮތް އެކުއްޖާ ވަޅުލާފައި އޮތީ މަގުގެ ކައިރީގައި އޮތް ވަޅުގަނޑެއްގައި ކަމަށެވެ.
"ވަޅުގަނޑާ ކައިރި ވުމުން ކުޑަކުއްޖާގެ ރުއިމުގެ އަޑު އިވޭ. ނަމަވެސް ވަޅުގަނޑުގެ އެތެރެ ބެލި އިރު ހަމައެކަނި ފެނުނީ ގަލާއި ހިރަފުސް،" އެ ސަރަހައްދަށް ދިޔަ ސަލާމަތީ ފަރާތުން ބުންޏެވެ.
ފިނިކަން ގަދަ ދުވަހެއްގައި ކުޑަކުއްޖާ އަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތުން އޮތުމަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެއްކަމަށް އެކުއްޖާ ސަލާމަތްކުރި ފަރާތްތަކުން ބުންޏެވެ.
ކުއްޖާ ވަޅުގަނޑު ތެރެއިން ނެގުމަށް ފަހު ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ވަނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ.
ކަމާބެހޭ ފަރާތަކުން މިހާރު ވަނީ ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އެ މަސައްކަތުގައި އާއްމުންގެ އެހީއަށް އެދިފަ އެވެ.
މައުލޫމާތު: ވޮޝިންޓަން ޕޯސްޓް