01 Dec 2015, 11:44
ސަރުކާރުގެ ކޭޝް ފުލޯ ހަމަޖެއްސުމަށް ސަރުކާރުން ދޫކުރާ ޓީ ބިލް އަދި ޓީ ބޮންޑު ދޫކުރި މިންވަރު 45 ޕަސެންޓް އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން މަހަކު އެއް ފަހަރު އާންމުކުރާ އިގްތިސާދީ ރިވިއުގައި ބުނާގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޓީބިލް އަދި ޓީބޮންޑްގެ އައުޓް ސުޓޭޑިން ވަނީ 20.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަހަރުން އަހަރަށް ބަލާއިރު އެއަދަދު 45 ޕަސެންޓް އިތުރުވެފައިވާއިރު މަހުން މަހަށް ބަލާއިރު އެއަދަދު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ.
އެމްއެމްއޭއިން ބުނާގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް އަހަރުން އަހަރަށް ބަލާއިރު ބެންކުތަކާއި އެހެނިހެން ފަރާތްތަކުން ޓީބިލަށް 13.1 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. އެއީ 22 ޕަސެންޓް އިތުރު އަދަދެކެވެ.
އޮކްޓޫބަރު މަސް ނިމުނުއިރު ޓީބޮންޑުގެ އައުޓްސްޓޭންޑިން ވަނީ 7.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 3.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އޭގެ ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ އެބެންކުން ސަރުކާރަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ލޯނެއް މިދިޔަ އަހަރު ޑިސެމްބަރު މަހު ޓީ ބޮންޑަށް ބަދަލުކޮށްފައިވުމެވެ. އަދި ޕެންޝަން ފަންޑުން ޖުލައި މަހު ސަރުކާރަށް ދޫކޮށްފައިވާ ޓީބޮންޑުގެ ސަބަބުންވެސް ޓީ ބޮންޑުގެ އައުޓް ސްޓޭންޑިން އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ސަރުކާރުން ވަނީ ދާދި ފަހަކުން ޓީބިލްގެ އިންޓަރެސްޓް ރޭޓްވެސް ކުޑަކޮށްފައެވެ.