01 Dec 2015, 11:56
އިންޑިއާގެ ސަގާފީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް މިދިޔަ މަހު 25 ގައި ފެށި "ބަހަރަތްކޯ ޖަނިޔޭ" ކުއިޒުގައި ބައިވެރިވެގެން އިންޑިއާއަށް ހިލޭ ދަތުރުކޮށްލެވޭނެ ކަމަށް ރާއްޖޭގައި ހުއްނަ އިންޑިއަން ހައިކޮމިޝަނުން ބުނެފި އެވެ.
މީގެ ކުރިންވެސް އިންޑިއާއިން ކުރިއަށް ގެންދިޔަ އެ ކުއިޒް މިފަހަރު ކުރިއަށްގެންދަނީ ނޮވެމްބަރު 25 އިން ފެށިގެން 14 ޑިސެމްބަރުގެ ނިލަށެވެ.
ގިނަ ގައުމުތަކެއްގެ މެދުގައި ކުރިއަށްދާ އެކުއިޒުގައި ދިވެހިންނަށްވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް އެއީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ކުއިޒު އިފްތިތާހުކޮށްދެއްވުމަށްފަހު ވިދާޅުވީ އެކުއިޒުގައި އިންޑިއާގެ ސަގާފަތާއި އާދަކާދަ އަދި ޓެކްނޮލޮޖީއާ އުފެއްދުންތެރިކަން އިންޑިއާގެ ތައުލީމުވެސް ހިމެނޭ ގޮތުން ގިނަ ސުވާލުތަކެއް ހިމެނޭނެ ކަމަށެވެ.
ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ އެކުއިޒުގެ ވެލްކަމް ރައުންޑް މިހާރު ވަނީ ފެށިފަ އެވެ. ވެލްކަމް ރައުންޑްގައި އެކުލެވެނީ އިހުތިޔާރީ ސުވާލުތަކެކެވެ. ޖުމްލަ 20 ސުވާލު ހިމެނޭ އެރައުންޑުގައި މިމަހު 12 ގެ ކުރިން ބައިވެރިވުމުގެ ފުރުސަތު އޮއްނާނެ އެވެ. ވެލްކަމް ރައުންޑް ނިމޭނީ މިމަހު 12 ގައެވެ.
Participate in Bharat Ko Janiye Quiz. Win attractive prizes includng a trip to India. Check:https://t.co/qBvVZvP5X2pic.twitter.com/QvCrBmy3wB
— India in Maldives (@HCIMaldives)November 30, 2015
ކުއިޒުގައި ދެންއިންނާނީ ކޮލިފައިންގް ރައުންޑް އެވެ. 13 ޑިސެމްބަރުގައި ފަށާ އެ ރައުންޑް ނިންމަން އެއްދުވަސް ލިބެއެވެ. ކުއިޒުން އެންމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ހުރިހާ ޚަރަދަކާ އެކު އިންޑިއާގައި 25 ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ޖެނުއަރީ ހަތްވަނަ ދުވަހު ނިއުދިއްލީގައި ބާއްވާ ކުއިޒުގެ ފައިނަލް ރައުންޑުގައި ބައިވެރިވެވޭނެ އެވެ. އަދި ފައިނަލުން މޮޅުވާ ފަރާތްތަކަށް ޖެނުއަރީ އަށް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ނިއުދިއްލީގައި ކުރިއަށްދާ ޚާއްސަ އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ކުއިޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ. ކުއިޒުގައި ރެޖިސްޓަރ ވުމަށް ކުއިޒަށް ޚާއްސަވެބްސައިޓަށްވަދެ ނަމާއި އީމެއިލް އެޑްރެސް އަދި ގައުމުގެ ނަން ޖަހާލަން ޖެހޭނެ އެވެ. އަދި އެފަރާތުން އީމެއިލަށް ފޮނުވާ ލިންކުގައި ޕާސްވޯޑް ޖެހުމުން ކުއިޒުގައި ބައިވެރިވެވުނީ އެވެ.