ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅާ ދިމާކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފި އެވެ.

އެ ޕްރޮމޯޝަނަކީ އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކަމުން އަންނަ ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ މެރިން ޕެއިންޓާއި ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކަމުންގެންދާ ހުރިހާ މުދަލަކުން ލިބޭ ޚާއްސަ ޑިސްކައުންޓްތަކުގެ ތެރޭގައި ސުޒުކީ އިންޖީނުގެ ތަފާތު މޮޑެލްތަކުން 1500 ރުފިޔާ އިން ފެށިގެން 14000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. އަދި ކާސްޓްރޯލް އަޑީތެލުން ތިން ޕަސެންޓާއި ހަޕަސެންޓާ ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބެއެވެ.

އޭގެ އިތުރުން ސިގްމާ މެރިން ޕެރިންޓުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭއިރު ޔަންމާ އަދި ސުޒުކީ ސްޕެއާ ޕާޓްތަކުން އަށް ޕަސެންޓްގެ ޑިސްކައުންޓެއް ލިބެއެވެ. އަދި އިންޑަސްޓްރިއަލް ގޭސް އިން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް 5000 ރުފިޔާ އިން މަތީގެ ވިޔަފާރިކުރައްވާ ފަރާތްކުގެ މެދުގައި ނަގާ ލަކީޑްރޯއަކުން ނަސީބުވެރި ފަރާތަކަށް 2.5 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއްލިބޭނެ ކަމަށެވެ.

އޭގެ އިތުރުން މުޅި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި މުޅި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ "ކަށަވަރު ގިފްޓް ވައުޗާ" އެއް ލިބޭނެ ކަމަށާއި އެހެންކަމުން އެ ކަސްޓަމަރަކަށް 50،000 ރުފިޔާ ހަމަވަންދެން ކަށަވަރު ޝޯރޫމުން ހިލޭ ވިޔަފާރިކުރެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ޕްރޮމޯޝަން ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ހ. ފިލިގަސްމަގު (ނޫރު މިސްކިތް ހުންނަ މަގު) ގައި ހުންނަ އެ ކުންފުނީގެ ކަށަވަރު ޝޯރޫމްގަ އެވެ.