01 Dec 2015, 11:30
ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ފޯވަޑްގެ އެވޯޑް ބާސެލޯނާގެ ލިއޮނަލް މެސީ ހޯދިއިރު އެވޯޑް ހަފްލާގެ އެންމެ ގިނަ އެވޯޑް ބާސެލޯނާއިން ހާސިލު ކޮށްފިއެވެ.
މިއީ ލަލީގާ ފުޓުބޯލް އެވޯޑް ނުވަތަ (އެލްއެފްޕީ) އެވޯޑް ދޭން ފެށިތާ ހަތް އަހަރު ވީއިރު މިއެވޯޑް މެސީ ހޯދި ހަ ވަނަ ފަހަރެވެ. މިއެވޯޑް ދެން ހޯދާފައިވަނީ މިދިޔަ އަހަރުގެ އެވޯޑް ހޯދި ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ސްޕެއިންގެ ބާސެލޯނާގައި ރޭ ބޭއްވި އެވޯޑް ސެރުމަނީގައި އެންމެ ގިނަ އެވޯޑް ބާސާއިން ހޯދިއިރު އެޓިމުން ވަނީ ފަސް އެވޯޑެއް ހޯދާފައެވެ.
އެގޮތުން މެސީ ހޯދި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ފޯވަޑް އެވޯޑްގެ އިތުރުން އެންމެ މޮޅު ކޯޗްގެ އެވޯޑު ހޯދީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ބާސާއަށް ހޯދައިދިން ލުއިސް އެންރީކޭ މާޓިނޭޒްއެވެ.

އެވޯޑް ހާސިލު ކުރި ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ / ލަލީގާ
އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ލިބުނީ ބާސާގެ ކްލައުޑިއޯ ބްރާވޯއަށެވެ. އަދި ސްޕެއިންގައި ކުޅޭ އެމެރިކާ ބައްރަށް ނިސްބަތްވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބާސާ ނޭމާ ޑަސިލްވާއެވެ.
ވާދަވެރި ރެއާލްއަށް ލިބިފައިވަނީ ތިން އެވޯޑެވެ.
އެގޮތުން ސަޕޯޓަރުން ވޯޓް ދީގެން ހޮވާ ފޭން ފައިވް ސްޓާ އެވޯޑް ނުވަތަ ޖޫޑޯ ޗިންކޯ އިސްޓްރެލަސް ޑި ލަ އެފީޝަން އެވޯޑް ހޯދި ރޮނާލްޑޯއެވެ.
އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑު ހޯދީ ސާޖިއޯ ރާމޯސްއެވެ.
އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ހޯދީ ޖޭމްސް ރޮޑްރިގޭޒްއެވެ.
ސްޕެއިންގައި ކުޅޭ އެފްރިކާ ބައްރަށް ނިސްބަތްވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެލެންސިއާއަށް ކުޅޭމުންދާ އަލްޖީރިއާގެ ފެގްހައުލްއެވެ.