01 Dec 2015, 10:22
ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއާ ރާމޯސް ޝްޕެއިން ލީގްގެ އެއް ވަނާގައި އޮތް ބާސެލޯނާ އަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
ސްޕެއިންގެ ބާސެލޯނާ ސިޓީގައި ރޭ އޮތް ގާލާ އެވޯޑް ދިނިމުގެ ރަސްމިއްޔާތުގައި ލަލީގާގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދުމަށް ފަހު ރާމޯސް ބުނީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބާސެލޯނާއަށް އަބަދު އެ ގޮތުގައި ދެމި ނުތިބެވޭނެ ކަމަށެވެ.
އެންމެ ފަހުން ބާސާ ކުޅުނު ހަ މެޗް ކާމިޔާބް ކޮށް ތާވަލުގެ އެއްވަނާގައި ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ރެއާލް މެޑްރިޑް ދެވަނާގައި 27 ޕޮއިންޓާ އެކު އޮތް އިރު 29 ޕޮއިންޓާ އެކު ދެވަނާގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ބާސާއިން އެންމެ ފަހުން މެޗަކުން ބަލިވެފައި ވަނީ އޮކްޓޯބަރު ތިން ވަނަ ދުވަހު ލީގްގައި ސެވިއްޔާ އަތުން 1-2 އިންނެވެ. އެ މެޗެގެ ފަހުން ބާސާ އަދި މެޗަކުން ބަލިވެފައި ނުވެ ރަނގަޅު ފޯމެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު ރާމޯސް ބުނީ ފުޓްބޯޅަ އަކީ އަބަދު އެއް ގޮތަކަށް ދާނެ ކުޅިވަރެއް ނޫން ކަމަށާއި އެކަން ނިމިދިޔަ ސީޒަނުން ވެސް ފެނިގެންދިޔަ ކަމަށެވެ.
"ގަޑި އިރެއްތެރޭގައި ވެސް ފުޓްބޯޅަ އަކީ ވަރަށް ބޮޑަށް ބަދަލު ވެގެން ދާ ކުޅިވަރެއް. މިދިޔަ ސީޒަން ނިމެން ދިޔައިރު އަހަރެމެން އޮތީ ވަރަށް ރަނގަޅު ފޯމެއްގައި އަދި ބާސާ އޮތީ ވަރަށް ދަށް ކޮށް ނަމަވެސް ސީޒަން ނިމުނީ އެ މީހުންނަށް ލީގް ލިބިގެން،" އުމުރުން 29 އަހަރުގެ ރެއާލްގެ ކެޕްޓަން ރާމޯސް ބުންޏެވެ.

ސުޕެނިޝް ލީގްގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ރާމޯސް ހިފައިގެން(ވ) އަދި އެންމެ މޮޅު މިޑްފިލްޑަރު ގެ އެވޯޑް ޖޭމްސް ހިފައިގެން --- ފޮޓޯ:ރެއާލް މެޑްރިޑް
ލީގްގައި އެންމެ ފަހުން ރެއާލް އާއި ބާސާ ކުޅުނު މެޗް 0-4 ގެ ބޮޑު ތަފާތަކުން ރެއާލް ބަލިވެފާވާ އިރު ރާމޯސް ބުނީ އެ މެޗުން ބަލިވުމުން ޓީމްގެ ހުރިހާ ކުޅުންތެރިން ނަށް ވެސް އަސަރު ކުރި ކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ލީގްގައި އެއިބާ އަތުން މޮޅުވެ ކުރިއަށް އޮތްތާންގައި ވެސް ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދާނެ ކަމަށެވެ.
ރާމޯސްގެ އިތުރުން ރެއާލްގެ ޖޭމްސް ރޮޑްރިގޭޒް ވަނީ ލަލީގާގެ އެންމެ މޮޅު މިޑްފިލްޑަރުގެ މަގާމް ހޯދާފައިވާ އިރު ދެން އެވޯޑް ލިބުނު ރެއާލް ގެ ކުޅުންތެރިއަކީ ފީފާ އިން ހޯވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ނޮމިނޭޓް ވެފައިވާ ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރޮނާލްޑޯ ހިމެނިފައި ވަނީ ސަޕޯޓަރުންގެ ހޮވާ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގަ އެވެ. މި ފަސް ކުޅުންތެރިންގެ ތެރޭގައި ރާމޯސް ވެސް ވަނީ ހިމެނިފަ އެވެ.