ޕެރިސް (ޑިސެމްބަރ 1) :ތުރުކީ އިން ރަޝިއާގެ ބޯޓް ވައްޓާލީ ތުރުކީ އާއި އައިއެސްއާ ދެމެދު އޮތް ތެލުގެ ވިޔަފާރި ދަމަހައްޓަން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ފްރާންސްގައި އިއްޔެ ފެށި ކޮޕް21 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ތުހުމަތު ކުރައްވައިފި އެވެ.

އައިއެސްގެ މައި ވިޔަފާރި އަކީ ތެލުގެ ވިޔަފާރި އެވެ. ތުރުކީ އިން ވަނީ އައިއެސް އާ ގުޅުން އޮންނަ ކަމަށް ބުނާ ބުނުން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

ރަޝިއާގެ ބޯޓު ވައްޓާލުމަކީ ތުރުކީ އަށް ކުރެވުނު "ބޮޑު ކުށެއް" ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން، ޕުޓިން ވަނީ އެ ހަމަލާ އަކީ "ޓެރަރިސްޓުންނާ ގުޅުން އޮތުމުގެ ސަބަބުން ދިން ހަމަލާއެއް"ގެ ގޮތުގައި އެހަމަލާ ސިފަ ކުރައްވައިފަ އެވެ.

"އައިއެސް އާއި އެހެނިހެން ޓެރަރިސްޓު ޖަމާއަތްތަކުން ވެރިވެފައިވާ ސަރަހައްދުތަކުން އުފައްދާ ތެޔޮ ތުރުކީއަށް ގިނަ އަދަދަކަށް އެތެރެ ކުރާކަން ރަޝިއާއަށް ލިބިފައިވާ މައުލޫމާތުން ޔަގީންވޭ،" ޕުޓިން ވިދާޅުވި އެވެ.

ތުރުކީއަކީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ ހަދާފައިވާ ކޯލިޝަންގެ ބައިވެރިއެކެވެ. ހޯމަ ދުވަހު ޔޫއެސް ސްޓޭޓް ޑިޕާންޓްމެންޓުން ބުނެފައިވާ ގޮތުގައި އެ ގައުމުން ހެދި ތަހުގީގުތަކުން އެނގިފައި ވަނީ، ތުރުކީގެ އަސްކަރިއްޔާ އިން ބުނި ފަދައިން، ރަޝިއާގެ ހަނގުރާމަވެރި ބޯޓު ވައްޓަލުމުގެ ކުރިން ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ހާދިސާއާ ގުޅިގެން ރަޝިއާގެ ފަރާތުން މާފަށް އެދުމަށް އިންކާރު ކުރައްވާފަ އެވެ. އުރުދުޣާން ވިދާޅުވީ ރަޝިއާގެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުން އެ ބޯޓު ވައްޓާލުމުގެ ފުރިހަމަ ހައްގު ތުރުކީ އަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އެ ހާދިސާ ހިނގައިދިޔަ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާ އިން ވަނީ އައިއެސް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން ތުރުކީގެ މުދާ ރަޝިއާ އަށް އެތެރެކުރުމާއި ތުުރުކީގެ ރައްޔިތުން ރަޝިޔާގައި ވިޔަފާރި ކުރުން ވަނީ މަނާ ކޮށްފަ އެވެ. މީގެ އިތުރުން ރަޝިއާއިން ތުރުކީ އަށް ދާ ހުރިހާ ޗާޓާޑް ފްލައިޓްތައް ވަނީ ކެންސަލް ކޮށްފަ އެެވެ.

މައުލޫމާތު: ބީބީސީ