މިއީ ހިތްހަމަޖެހޭ ވާހަކައަކަށް ނުވެދާނެ އެވެ. ކުދި އާބާދީތައް ނުރުހޭ ވާހަކައެކެވެ. އިންތިހާބުތަކުގެ ކެމްޕެއިންގެ ތެރޭގައި މި ވާހަކައެއް ނުވެސް ދައްކާނެ އެވެ. ތާއިދު ކުރާ ޕާޓީއަށް ކިތަންމެ ވަރަކަށް ތާއިދު ކުރިޔަސް، މި ވާހަކައިގެ ރާގު ހުންނަ ގޮތުން ވޯޓު ނުވެސް ދޭނެ އެވެ. ކެމްޕެއިން ތެރޭގައި ރައްޔިތުން ރުޅި އަންނަ މި ވާހަކައަކީ އެއްފަސްކުރުމުގެ ވާހަކަ އެވެ. މިއީ ތަންފީޒު ކުރަން އުނދަގޫ ސިޔާސަތެކެވެ. އިންސާނީ ހައްގުތައް ފުޅާވެފައިވާ މި ޒަމާނުގައި މަޖުބޫރުން އެއްފަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ރައީސް އަބްދުﷲ ޔާމީން އެ ސިޔާސަތު ގެންގުޅުއްވާ ގޮތް އިނގޭތޯ އެވެ؟

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ރާއްޖެ އެއްފަސްކުރަނީ ރައްޔިތުންނަށް މަޖުބޫރު ކުރުމެއް ނެތި އެވެ. އޭނާ ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސަތު ރައީސް ޔާމީން ގެންގުޅުއްވަނީ "ދަމާ ބާރުގައި" ކަމަށެވެ. މާނައަކީ ބޮޑެތި އިގްތިސާދީ ހަރަކާތް ހިންގާ ސަރަހައްދުތަކަށް "ދަމާ ބާރުގައި" މީހުން ގެނައުމެވެ.

"ރައީސް ޔާމީންގެ ސަރުކާރުން އެއްފަސްވުމުގެ ސިޔާސަތެއް އެބަ ގެންގުޅޭ. އެކަމަކު އެ ސިޔާސަތު މި ގެންގުޅެނީ ޕުލް އިފެކްޓް ބޭނުން ކޮށްގެން. މާނައަކީ އިގްތިސާދީ ހަރަކާތް ހިންގީމާއި އެތަނަށް ދަމާ ބާރުގައި މީހުން އަމިއްލައަށް އަންނަ ގޮތަށް. އެއްވެސް ބަޔަކު ގަދަކަމުން މަޖުބޫރުކޮށްގެން ގެންދާ ގޮތަކަށް ނޫން. އެހެންވީމަ ހުޅުމާލެ މަޝްރޫއު ވެސް އަޅުގަނޑުމެން މި ގެންދަނީ. ހައިހެވަންގެ މަޝްރޫއު ވެސް މި ގެންދަނީ،" ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި ހަފްލާއެއްގައި އުމަރު ވިދާޅުވި އެވެ.

ބ. އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމީން ބައްލަވާލައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ހައިހެވަންގެ މަޝްރޫއު ހއ. އަތޮޅުގައި ކުރިއަށް ގެންދިމުގައި އެއްފަސްކޮށްފައިވާ އާބާދީއެއް ބޭނުންވާ ކަމަށް އުމަރު ރޭ ވިދާޅުވި އެވެ. އައިހެވަންގެ ފީސިބިލިޓީ ހެދި ބޮސްޓަން ކޮންސަލްޓެންސީއާ ހަވާލާ ދީ އުމަރު ވިދާޅުވީ އެ މަޝްރޫ ކާމިޔާބު ކުރުމަށް އެއްފަސްކޮށްފައިވާ 14،000 މީހުންގެ އާބާދީއެއް އޮންނަންޖެހޭނެ ކަމަށެވެ.

"އައިހެވަންގެ ފީސިބިލިޓީ ހެދި ބޮސްޓަން ކޮންސަލްޓެންސީ ބުނެފައިވޭ މި މަޝްރޫއު ކާމިޔާބު ކުރުމަށްޓަކާ އެންމެ ކުޑަވެގެން ވެސް އެއްފަސްވެފައި 14،000 މީހުންގެ އާބާދީއެއް އޮންނަން ޖެހޭނެއޭ. އެއީ ވަޒީފާގެ ފުރުސަތުތަކަށާއި އަދި އެހެނިހެން ކަންކަން ކުރުމަށް. އަޅުގަނޑުމެންނަށް އިނގޭ ހއ. އަތޮޅުގައި 14 ރަށުގައި މީހުން ދިރިއުޅޭކަން. އަދި ވަރަށް ކުދިކުދި އާބާދީތައް ވެސް އެބަ ހުރި،" ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާގައި އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ކުދި އާބާދީތައް ރަށްރަށުގައި ބައިތިއްބައިގެން އެފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ 188 ރަށުގައި މީހުން ދިރިއުޅެން ޖެހުމުން ކޮންމެ ސަރުކާރަކަށް ވެސް ވަރަށް ބޮޑު ބުރައަކަށް އެކަންވެފައިވާ ކަމަށެވެ.

އުމަރު އެ ދެއްކެވި ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ބާރު ދެއްވާފައިވެ އެވެ. ދިވެހިންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެންދާ މައިގަނޑު ސަބަބަކީ ކުދި އާބަދީތަކުގައި މީހުން ދިރިއުޅުން ކަމަށް ޖިހާދު ވަނީ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވިދާޅުވެފަ އެވެ. މިނިސްޓަރުންގެ ވާހަކަފުތަކުން އެނގެނީ ތަރައްގީއަށް އޮތް ހުރަހަކީ ކުދި އާބާދީތަކުގައި މީހުން ދިރިއުޅެންޖެހުމެވެ. އެއްފަސްވެފައިވާ ބޮޑު އާބާދީތަކަށް ހިދުމަތް ދޭން ސަރުކާރަށް ފަސޭހަވާނެ ކަމެވެ.

މިނިސްޓަރު އުމަރު ނަސީރު: ތަރައްގީ ގެންނަން ރާއްޖެ އޮތީ އުދުއްސައި ގަންނަން ތައްޔާރަށް ކަަމަމަށް ވިދާޅުވި-- ސަން ފައިލް ފޮޓޯ

އުމަރު ރޭ ދެއްކެވި ވާހަކަތަކުން "އެއްފަސް" ކުރުން ނޫން ގޮތެއް ރާއްޖެއަކަށް ނެތެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 ނުވަތަ 30 އަހަރުގެ ތެރޭގައި ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރު އޮތީ "އުދުއްސައި" ގަންނަން ތައްޔާރަށް ކަމަށެވެ.

އުމަރު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއްފަސްކުރުމެވެ.

ސަތޭހަ މީހުން ހަމަނުވާ ރަށްތަކުގައި ވެސް މީހުން ދިރިއުޅުމެވެ.

ރަށްތަކުގެ އާބާދީ ބެހިގެންވާ ގޮތް:

  • ދެ ރަށެއްގެ އާބާދީ: 100 މީހުންނަށް ވުރެ މަދު

  • ފަސް ރަށެއްގެ އާބާދީ: 200 މީހުންނަށް ވުރެ މަދު
  • 10 ރަށެއްގެ އާބާދީ: 300 މީހުންނަށް ވުރެ މަދު
  • 18 ރަށެއްގެ އާބާދީ: 400 މީހުންނަށް ވުރެ މަދު
  • 21 ރަށެއްގެ އާބާދީ: 400 މީހުންނަށް ވުރެ މަދު
  • 17 ރަށެއްގެ އާބާދީ: 600 އަށް ވުރެ މަދު

އުމަރު ވިދާޅުވި ގޮތުގައި 10،000 ވުރެ މަތީ އާބާދީ ހިމެނެނީ ދެ ރަށެއް ކަމަށާއި 5000 އާއި 2،000 ދެމެދުގައި އާބާދީ ހިމެނޭ 16 ރަށެއް ރާއްޖޭގައި އޮތް ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުން ކުދި އާބާދީތަކުން ބޮޑެތި އާބާދީތަކަށް ބަދަލުވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ 25،000 ފްލެޓުން އާބާދީ މަދު ރަށްތަކުގެ މީހުންނަށް ޖާގަ ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރަށް ރަށުގެ ބިން ހިއްކުމަށް ކުރާ އެ މަސައްކަތުގެ މަގުސަދަކީ ވެސް އެއީ ކަމަށެވެ. އެގޮތުން 10 ރަށެއްގެ ބިން ހިއްކަން ފަށާފައި ވަނީ އެ ސިޔާސަތު ތަންފީޒު ކުރާށެވެ.

ކުޑަ އާބާދީއެއްގެ ގޮތުގައި އޮވެ އަވަށްޓެރި ގައުމުތަކަށް ވުރެ ރާއްޖެ ކުރި ހޯދަމުންދާ ކަމަށް އުމަރު ރޭ ފާހަގަ ކުރެއްވި އެވެ. ޖީޑީޕީގެ ނިސްބަތުން ރާއްޖޭގައި ކޮންމެ މީހެއްގެ ބޮލަކަށް އަހަރަކު 6،665 ޑޮލަރު ޖެހޭ ކަމަށާއި އަވަށްޓެރި ގައުމުތަކުން އެ އަދަދާ ކައިރި ވެސް ނުކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ.

އެގޮތުން ލަންކާގައި މީހެއްގެ ބޮލަކަށް އަހަރަކު 3،279 ޑޮލަރު ޖެހޭއިރު އިންޑިއާގައި މީހެއްގެ ބޮލަކަށް ޖެހެނީ 1،498 ޑޮލަރެވެ. އަދި ބަންގްލަދޭޝްގައި މީހެއްގެ ބޮލަށް އަހަރު ޖެހެނީ 957 ޑޮލަރެވެ.

އެހެންކަމުން ކުދި ރަށްތަކުގައި މަދު އާބާދީއެއްގައި ތިބުމުގެ ބަދަލުގައި ބޮޑުއާބާދީތަކަށް ބަދަލުވެއްޖެ ނަމަ، ދައުލަތުގެ ހަރަދުތައް ކުޑަވާނެ އެވެ. ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި ދައުލަތުގެ އާ އިމާރާތްތައް ކުދި ރަށްތަކުގައި އަޅާކަށް ނުޖެހޭނެ އެވެ. އެ ފައިސާއަށް ރަށްރަތަކަށް ބަދަލުވާ އާބާދީތަކަށް ޒަމާނީ ގެތަކެއް އަޅައިދެވޭނެ އެވެ.

ސިންގަޕޫރުގައި އަހަރު ބޮލަކަށް ޖެހޭ ވަރު، 55،182 ޑޮލަރަށް އަހާ ކަމަށް ފާހަގަ ކުރައްވައި އުމަރު ރޭ ވިދާޅުވީ ސިންގަޕޫރުގެ ތަރައްގީއަށް ރާއްޖެ ދިއުމަށް "ލައްކަ" ހިސާބަކަށް ދާން ޖެހޭ ކަމަށެވެ.

އުމަރު އެ ވިދާޅުވާ ލައްކަ ފިޔަވަޅުގެ ރަސްތާ ދެތިން ފިޔަވަޅަށް ބަދަލުކޮށްލެވެން އޮތީ އެއްފަސްކޮށްގެންނެވެ. އެއްފަސް ކުރުމުގެ އަޑު މި ވަނީ ގަދަވެފަ އެވެ. ސަރުކާރަށް ދެ އަހަރު ފުރި، ދައުރުގެ މެދުތެރެއިން ސަރުކާރު އަމާޒު ހިފާފައި ވަނީ އެއްފަސް ކުރާށެވެ. ރަށްރަށުގެ ބިން ބޮޑުކޮށް، ބިޔަ މަޝްރޫއުތައް ފަށަން ތައްޔާރުވަނީ އެހެންވެގެންނެވެ. ސަރުކާރު ވިސްނުމަކީ "ފެން އޮތްތާކަށް މަސް" ގެންދިއުމަށެވެ.