01 Dec 2015, 02:55
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ބެލަންޑޯ އެވޯޑަށް ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ އާއި ބާސެލޯނާ އާއި ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާ އާއި ވާދަވެރި ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ނޮމިނޭޓް ވެއްޖެ އެވެ.
މި ތިން ކުޅުންތެރިންގެ ތެރެއިން އެވޯޑް ލިބޭ ކުޅުންތެރިޔާގެ ނަން އިއުލާން ކުރަނީ އަންނަ އަހަރު ޖަނަވަރީ 11 ވަނަ ދުވަހު ބާއްވާ ފީފާގެ ޚާއްސަ ރަސްމިއްޔާތުގައެވެ.
މިދިޔަ އަހަރުގެ ބެލަންޑޯ އެވޯޑް ހޯދާފައިވަނީ ރޮނާލްޑޯ އެވެ.
ދެހާސް އަށް ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ މެސީ އާއި ރޮނާލްޑޯއާ ދެ ކުޅުންތެރިންނެވެ. މެސީ ހަތަރު ފަހަރަށް އެ އެވޯޑް ހޯދަފައިވާއިރު ރޮނާލްޑޯ ތިން ފަހަރަށް އެވޯޑް ހޯދާފައެވެ.
އެހެން އެވޯޑް ތަކަށް ބަލާލާއިރު އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ކުޅުންތެރިންނަކި އެމެރިކާގެ ގައުމީ ޓީމްގެ ޗާލީ ލިޔޮޑްއާއި ޖަޕާނުގެ އާޔާ މިޔާމާއާއި ޖަރުމަންގެ ސެލާ ސެސިކްއެވެ.
އެންމެ މޮޅު ކޯޗްގެ އެވޯޑަށް ނޮމިނޭޓް ވެފައިވަނީ ޖަރުމަން ބުންޑަސް ލިގާ ބަޔާން މިޔުނިކަށް ކާމިޔާބު ކޮށްދިން ކޯޗް ޕެޕް ގާޑިއޯލާއާއި ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގް އަދި ސްޕެއިންގެ ކޮޕަޑެލްރޭ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ލުއިސް އެންރީކޭއާއި މިއަހަރުގެ ކޮޕާ އެމެރިކާ ޗިލިއަށް ކާމިޔާބު ކޮށްދިން ޖޯޖް ސަމްޕޮލީއެވެ.
އެންމެ ރީތި ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ޕުސްކަސް އެވޯޑަށް މިއަހަރު ނޮމިނޭޓް ވެފައިވާ ގޯލްތަކަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގައި އޯގަސްޓް މަހު 16 ވަނަ ދުވަހު އޭއެސް ރޯމާ އާ ބާސެލޯނަ ބައްދަލު ކުރި މެޗްގައި ރޯމާގެ ޑިފެންޑަރު އެލްސެންޑްރޯ ފްލޮރެންޒީ ބާސާ ކޮޅަށް ޖެހި ލަނޑާއި ބްރަޒިލްގެ ލީގްގައި އެތުލެޓިކްގެ ގޯއާއި ގޮއިނޭސިއާ މިއަހރުގެ އޭޕްރީލް މަހު 11 ވަނަ ދުވަހު ބައްދަލު ކުރި މެޗްގައި އެތުލެޓިކްގެ ވެންޑަލް ލިރާ ގޮއިނޭސިއާ ކޮޅަށް ޖެހި ލަނޑާއި މިއަހަރުގެ މިދިޔަ ސީޒަންގެ ސްޕެނީޝް ކަޕްގައި ބާސާއާ އެތުލިޓިކް ބިލްބޯއާ ޖޫން މަހުގެ 30 ވަނަ ދުވހު ކުޅުނު މެޗްގައި ބާސާގެ މެސީ ބިލްބޯއާ ކޯލަށް ޖެހި ލަނޑެވެ.