އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއިން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކިވަކިން ކުރި އަމުރުގައި ވަނީ އެ ނުވަ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ގައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާތީ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެމީހުން ކޮށްފައި ވަނީ ނުވަތަ ކުރަން އުޅެފައި ވަނީ އެފަދަ ވަޒީފާއެއްގައި ހުންނަންޖެހޭ މީހެއްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭފަދަ ކޮންކަމެއްކަން ސިވިލް ސާވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެ ނިންމުމުގައި ވެއެވެ.

ވަޒީފާދޭން އަންގާފައި ވަނީ މާލޭ ދަފްތަރު 2365 މުހައްމަދު ނަދީމާއި ހުޅުމާލެ ފްލެޓް 18-3-08 އަސްރާރު މުހައްމަދާއި ގދ. ހޯޑެއްދޫ ގުލްބަކާގޭ އިބްރާހީމް އަފީފާއި ގދ. ތިނަދޫ ޒިންދަނީ ހަސަން ނަޒީފާއި ތ. ވިލުފުށީ ސަބުދެލިމާގޭ މުހައްމަދު ނާޝިދާއި ގއ. ދެއްވަދޫ ގްރީންލައިފް އިބްރާހީމް ފަރުޝާދާއި ގދ. ހޯޑެއްދޫ އޯޝަންހާރުގެ ހުސައިން ރަމީޒާއި މ. ޕެޓީވިލާ މުހައްމަދު ވަސީމަށެވެ.

އެމީހުންނަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ބައެއްކަމުގައި ނުބެލުމަށާއި އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެމީހުންނަށް ވަޒީފާ ހަމަޖެއްސުމަށްފަހު އެކަން ތިން ދުވަހުގެ ތެރޭގައި އެ ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.