07 Apr 2011, 13:02
ޖަލުތަކުގައި ބޮޑެތި ހުކުމްތައް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން 100 ގައިދީއަކު ސަރުކާރުގެ ހަރަދުގައި މަދަނައިގައި ޖައްސައިފި އެވެ.
ޑީޕީއާރްއެސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިދިޔަ މަހު 100 ގައިދީ އަކު މަދަނައިގެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަދި މިހާރު އިތުރު 100 ގައިދީއަކު މަދަނައިގައި ރަޖިސްޓްރީ ކުރުމަށް އެންސްޕާ އަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގައިދީންގެ ތެރެއިން މަދަނައިގައި ޖައްސަނީ ބޮޑެތި ކުށްތަކުގައި ދިގުމުއްދަތަކަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ސިއްހީ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި ޖަލު ބަންދުން އެމީހުން މިނިވަން ވުމަށްފަހު ވެސް މަދަނައިގެ ޚިދުމަތް ބޭނުންވާ ކަމުގައި ވާނަމަ އިތުރަށް މަދަނައިގައި ނުޖެހި އެމީހުން އަމިއްލަ އަށް މަދަނައިގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
މަދަނައިގައި ރަޖިސްޓްރީކުރުމަށް 2000ރ. ދައްކަން ޖެހެއެވެ. އެހެންކަމުން ދައުލަތުގެ ހަރަދުގައި އެ 100 ގައިދީން މަދަނައިގައި ޖެއްސުމަށް 200،000ރ. ވަނީ ޚަރަދުކޮށްފަ އެވެ.