30 Nov 2015, 21:43
މިންޖުވާން ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ހުށައަޅާފައިވާ ޑިމާންޑުތަކުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށާއި އަދި އެ ޑިމާންޑްތަކާ ގުޅޭ ގޮތުން ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެމްޑީޕީ އިން ފެށި މުޒާހަރާގައި ސަރުކާރަށް ވަނީ ތިން ޑިމާންޑެއް ހުށައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުމަށާއި ޝެއިހް އިމްރާނާއި ނާޒިމާއި "ސިޔާސީ ގޮތުން" 1700 މީހުނަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ނުދިނުމެވެ. ހަމައެހެންމެ ޝަރުއީ ނިޒާމް އިސްލާހުކޮށް، ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް އެމްޑީޕީން ސަރުކާރަށް ޑިމާންޑްކޮށްފައިވެ އެވެ.
އެޑިމާންޑްތައް އެމްޑީޕީން ވަނީ ރައީސް އޮފީހަށް މެއިލްކޮށް، އަދި ފެކްސް ވެސްކޮށްފަ އެވެ.
އެމްޑީޕީ އިސްނަގައިގެން "މިންޖުވާން" ނަމުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން-- ސަން ފައިލް ފޮޓޯ
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން މުޒާހަރާގައި ހުށައަޅާފައިވާ މައިގަނޑުކަންކަމަކީ ޖިނާއީ ކުށުގެ ތުހުމަތުގައި އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ނުވަތަ ހުކުމެއް ކުރެވިފައިވާ ބަޔަކު ދޫކޮށްލުމުގެ ވާހަކަތައްކަން ކަމަށާއި އެކަންކަމުގައި ސަރުކާރުގެ ދައުރެއްނެތް ކަމަށެވެ. އަދި ޝަރުއީ މަރުހަލާ އިން އެކަންކަމަށް ހައްލު ހޯދުމަށް އެބަޔާނުގައި ގޮވާލާފައިވެ އެވެ.
"ޑިސެމްބަރު މަހު ކޯޓުތައް ޗުއްޓީއަށް ނުދާނެކަން ސުޕްރީމް ކޯޓުން އިއުލާން ކުރައްވާފައިވާތީ އެކަމަށް މަރުހަބާ ކިޔައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހައްލު ހޯއްދެވުމަކީ އެކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމުގައި ފާހަގަކޮށް، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގޮވާލަން." އެބަޔާނުގައި ބުނެފައިވެ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭގޮތަށް ޖިނާއީ ބޮޑެތި މައްސަލަތަކަކީ ސަރުކާރުން އެއާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާނެ ކަންކަން ކަމަށާއި ކޮރަޕްޝަންގެ މައްސަލަތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީ އާ އެއްގޮތަށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެގެން އިދިކޮޅު ފަރާތްތަކުން ހުށައަޅާ ބިނާކުރަނިވި ފާޑުކިޔުންތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.