30 Nov 2015, 21:35
މޫދު ފެން ސާފު ފެނަށް ބަދަލު ކުރާ 5،000 ޓަނުގެ އާރްއޯ ޕްލާންޓެއް މާލޭގައި ބެހެއްޓުމަށް ހިޓާޗީ އެކައަޓެކް އިންޖިނިއަރިންގްއާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއަކީ ދެ މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ގާއިމު ކުރާ އާރްއޯ ޕްލާންޓު މާލޭގެ ދެ ސަރަހައްދެއްގައި ގާއިމު ކުރާނެ ކަމަށެވެ.
"ހަވީރީ ހިނގުމުގެ އޭރިއާގައި އަދި އޭގެ އިތުރުން ކަލާފާނުގެ ޓޭން [ކަލާފާން ސްކޫލުގެ އިރުމަތީގައި ހަދާފައިވާ ޓޭކް] އަށް އަޅުގަނޑުމެން ފެން ޕަމްޕު ކުރާ ގޮތަށް ތައްޔާރު ކުރެވިފައިވާ އަޅުގަނޑުމެންގެ ލޭންޑެއްގައި،" ފަޒުލް ވިދާޅުވި އެވެ.
ހިޓާޗީން އާރްއޯ ޕްލާންޓު ރާއްޖެ ގެނައުމުގެ މަސައްކަތަށް ހަ ވަރަކަށް މަސް ހޭދަ ވާނެ ކަން ފާހަގަ ކުރައްވަމުން ފަޒުލް ވިދާޅުވީ، މާލޭގެ ދެ ސަރަހައްދުގައި ގާއިމުކުރާ ދެ އިމާރާތުގެ ޑިވެލޮޕްމެންޓުގެ މަސައްކަތްތައް މިހާރުވީ ޑިޒައިނިންގް ސްޓޭޖުގައި ކަމަށާއި، ޕްލާންޓު ރާއްޖެ އައުމުގެ ކުރިން އެ ދެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ފަޒުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ޑީސެންޓްރަލައިޒޭޝަން ޕްލޭންގެ ދަށުން މާލޭގެ ޕްރޮޑަކްޝަން ފެސިލިޓީގެ މަސައްކަތް ރީ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ބީޗު މެދުވެރިކޮށް ހުޅުމާލޭ ޕްރޮޑަކްޝަން ސެންޓަރާއި ކަނެކްޓު ކުރެވިގެންދާނެ ކަމަށެވެ.
އަދި ހުޅުމާލެ ޕްރޮޑަކްޝަން ސެންޓަރު އެއީ މައި މަރުކަޒެއްގެ ގޮތުގައި ޑިޒައިން ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރައްވަމުން ގެންދަވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ބްރިޖު ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ފެން ލައިން ގުޅާލެވޭހަ ވަރަށް އަޅުގަނޑުމެންގެ ޓީމު ތައްޔާރު ވެގެން ދާނެ،" ފަޒުލް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިޓާޗީގެ އެކުއާ ޓެކްގެ މެނޭޖިންގް ޑިރެކްޓާ ޓޭންގް ވިދާޅުވީ، އެކަށީގެންވާ ރަނގަޅު ގޮތެއްގައި ފެން ފޯރުކޮށްދިނުމަކީ އެ ބޭފުޅުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެއީ ރާއްޖޭގެ ކުރިއެރުމަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.