މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިއަދު ހެނދުނު ފެށި އަޑުއެހުންތައް ނިމިފައި ވަނީ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ިމިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުންގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.

އެ މައްސަލާގައި ދައުވާ ލިބޭ މީހުންނަކީ ށ. ގޮއިދޫ މަލާޒު މުހައްމަދު ޝިނާނާއި ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ގާހިރާއި ހަމައެރަށު ލޮޓަސް ލައުޝަން އަހްމަދު ޒާހިރާއި ސ. ހުޅުދޫ އިރުވައި އަހްމަދު އުނައިސް އާއި ހަމައެރަށު އޮސްޓްރޭލިއާ އިބްރާހީމް އިބާދާއި ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދާއި ލ. ގަން މުކުރިމަގު އެއްގަމުމޭ ނާސިރާ އަލީ އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދާއި މއ. ފޯޗިއުން އަލީ ރަޝީދެވެ.

މި 13 މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އެ މައްސަލައާ ގުޅިގެން ދައުވާ ލިބޭ އިތުރު ދެ މީހެއްގެ މައްސަލަ ބަލަނީ އެކޯޓުގެ އެހެން ދެ ގާޒީއެކެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި މަންޒަރު ފެނުނު މީހުން ވަނީ އެމީހުންނާ ދެކޮޅަށް ހެކިބަސްދީފައެވެ. ނަމަވެސް ބައެއް މީހުންގެ ހެކިބަސްތަކުގައި ފުށުއެރުންތަކެއް ހުރި އެވެ.