ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް ކަރުދާސް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވައިފި އެވެ.

އެ ކަރުދާހަކީ ފުރާންސުގެ ޕެރިހުގައި މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހަށް ބާއްވާ ކޮޕް21 ސަމިޓުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަރުދާހެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީނާއި މިނިސްޓަރު ތޯރިގު ވަނީ ރާއްޖޭގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކާ ބެހޭގޮތުންނާއި، އެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އަދި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ގައުމީ ފެންވަރުގައާއި ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެއިން ކޮށްފައިވާ ކަންތައްތަކާއި، ހޯދާފައިވާ ކާމިޔާބީތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީނާއި މިނިސްޓަރ ތޯރިގް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، މިނިސްޓަރު ތޯރިގް ވަނީ ކޮޕް21ގައި ރާއްޖޭގެ ފަރާތުން ތޯރިގް ހުށަހަޅުއްވާ ޕްރެޒެންޓޭޝަނާއި ބެހޭގޮތުން ރައީސަށް މައުލޫމާތު ދެއްވާފަ އެވެ.