30 Nov 2015, 16:48
ބްރަސެލްސް (ނޮވެމްބަރ30):ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް ޔޫއެންގެ ފަރާތުން ހައްލެއް ނުހޯދުމުން އެ ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ޖެހެނީ ތުރުކީ އިން ކަމަށް އެގައުމުގެ ބޮޑު ވަޒީރު އަހުމަދު ޑަވުޓޯލޯ ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ބޮޑު ވަޒީރު މިހެން ވިދާޅުވީ ސީރިޔާގެ ރެފިއުޖީން ޔޫރަޕަށް ދާ މިންވަރު މަދު ކުރުމަށް އީޔޫގެ ގައުމުތަކުގެ ލީޑަރުންނާއެކު ތުރުކީގެ ބޮޑު ވަޒީރު ބޭއްވެވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެވެ.
"ސީރިޔާގެ މައްސަލަ ފެށުނު އިރު އެ މައްސަލައަށް ޔޫއެންގެ ފަރާތުން ހައްލެއް ނުހޯދުމުން އަޅުގަނޑުމެން [ތުރުކީ އާއި ޔޫރަޕުން] ޖެހެނީ އެކަމުގެ ބުރަ އުފުލަން،" ޑަވުޓޯލޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުރުކީ އިން އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން މިހާރު ސަލާމަތް ކޮށްފައިވާނެ ކަމަށެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އިއްޔެ ބޭއްވި ސަމިޓުގައި ތުރުކީގެ ބޮޑު ވަޒީރާއި އީޔޫގެ ގައުމުތަކުގެ ލީޑަރުން ވާހަކަ ދައްކަވާފައި ވަނީ ތުރުކީ މެދުވެރިކޮށް ސީރިޔާ އިން ޔޫރަޕަށް ދާ ރެފިއުޖީން މަދުކުރުމަށް ތުރުކީ އަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން އެވެ.
އެގޮތުން ތުރުކީގެ ބޯޑަރު ހުރަސް ކުރުމުގެ ގަވާއިދުތަށް ވަރުގަދަ ކުރުމަށާއި، ގިނަ އަދަދެއްގެ ސީރިއާގެ ރެފިއުޖީން ތުރުކީގައި ވަޒަންވެރި ކުރުމުށް ތުރުކީ އިން ވަނީ އެއްބަސްވެފައި އެވެ. އޭގެ ބަދަލުގައި އީޔޫ އިން ވަނީ ތުރުކީ އަށް ތިން ބިލިއަން ޔޫރޯގެ ފައިސާގެ އެހީ ދިނުމަށާއި ޔޫރަޕިއަން ޔޫނިއަން އާއި ތުރުކީ އާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ތުރުކީ ވުމަކީ ނާދިރު ކަމެއްކަމަށް ގިނަ ގައުމުތަކުން ދެކެ އެވެ.
މީގެ އިތުރުނ،ް ތުރުކީގެ ބޯޑާ ކޮންޓުރޯލް ވަރުގަދަ ކުރުމަށް ތުރުކީ އަށް ކާމިޔާބު ވެއްޖެނަމަ ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް ވިސާއަކާ ނުލައި ވަނުމުގެ ފުރުސަތު ތުރުކީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އީޔޫ އިން ބުނެ އެވެ.
މައުލޫމާތު: ރޮއިޓާސް