07 Apr 2011, 12:48
މާރާމާރީ އާއި، މީހުން މެރުމާއި، ގޭންގް ކުށްތަކުގައި ހައްޔަރުކުރާ މީހުން، ތަހްޤީޤު މަރުހަލާގައި ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބޭނެ ގަވާއިދެއް މިހާރުން މިހާރަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ހިދުމަތްތަކާބެހޭ ކޮމެޓީ އާއި ކުށްތައް ހުއްޓުވަން ރައީސް އުފެއްދެވި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީން މަޝްވަރާ ކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިއްޔެ ބޭއްވި މަޝްވަރާތަކުގައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް ހަދަންޖެހޭ ޤާނޫނުތައް ހެދުމަކީ ވަގުތު ނަގާނެ ކަމަކަށް ވުމާއެކު މަޖުލީހުގެ ރުހުމާއެކު މިފަދަ ގަވާއިދެއް ހެދުން މުހިއްމުކަން ފާހަގަކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުރުން ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ރާއްޖޭގައި އާއްމުވެފައިވާ ވަޅި ހެރުމާއި، މާރާމާރީގެ މައްސަލަތައް ވަގުތުން ވަގުތަށް ހުއްޓުވަން ފުޅާ ދާއިރާއެއްގައި ކުރަން ހުރި މަސައްކަތްތައް އެބަހުރި ކަމަށެވެ.
ބޮޑެތި ކުށްވެރިން ވަގުތުން ވަގުތަށް ހިފައި ހައްޔަރުކުރުމުގެ އިހްތިޔާރާއި ބާރު ފުލުހުންނަށާއި ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް މިހާރުން މިހާރަށް ދޭން ފެންނަ ކަމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މެމްބަރުން އިއްޔެގެ މަޝްވަރާތަކުގައި ވިދާޅުވި އެވެ. އަދި ހައްޔަރުކުރާ މީހުން ދޫކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރާނެ ގޮތެއް ހަމަޖައްސައި ކުށްވެރިން ދޫކޮށް ދިނުމުގެ އެއްވެސް ހުށަހެޅުމެއް އަޑުނާހައި، ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރި ކަމަށް އިސްކަންދިނުމަށް ދެކޮމެޓީން ވެސް ހިޔާލު އެއްގޮތް ކުރި އެވެ.
މި ބައްދަލުވުމުގައި ޖަލުތަކުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކޮށް. ހައްޔަރުކުރާ މީހުން މަސްހުނި ނުވާނެ ގޮތަކަށް ކުށްވެރިން ގެންގުޅުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިއްމަށް ވެސް ވަނީ އަލި އަޅުވާލައްވާފައެވެ.
މިގޮތުން ޖަލު ބެލެހެއްޓުން ހަރުދަނާ ކުރުމުގައި ސަލާމަތީ ބާރުތަކުގެ އެހީތެރިކަން ބޭނުންވާނަމަ އެ ފުރުސަތު ދީގެން ނަމަވެސް ޖަލުތަކުގެ ޙާލަތު ވަގުތުން ރަނގަޅުކުރުމަށް ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި މާރާމާރީ އާއި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން މީހުން މެރުން ފަދަ ޖަރީމާތައް ހިންގާ ކުށްވެރިން ޖަލުގައި މުޅިން ވަކިން، ގެންގުޅޭނެ އަވަސް ނިޒާމެއް ގާއިމު ކުރުމަށް ވެސް ވަނީ ހިޔާލު ބަދަލުކުރި އެވެ.