30 Nov 2015, 15:47
ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އައިސްފައިވާ ބަދަލާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މާދަމަ އިން ފެށިގެން އިސްލާމިކް މިނިސްޓުރީގެ ދަށަށް ބަދަލު ކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ މިސްކިތްތަކާއި އިމާމުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނެތުމުން މިނިސްޓްރީއަށް އެކަމުގެ ދަތިތައް ވަރަށް ބޮޑަށް ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ ބަދަލު އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ.
އިބްރާހިމް އަހުމަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅޭ ގޮތުން މިހާރު މިސްކިތްތައް ބަލަހައްޓަމުން އަންނަ ރަށު ކައުންސިލުތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ހަފްތާގެ ކުރީ ކޮޅުގައި ކައުންސިލުތަކާ އެއްކޮށް ފޯނު ކޮންފަރެންސަކަށް ދިޔައީ ސީއެސްސީ މެދުވެރިކޮށް އެލްޖީއޭ ވެސް އަދި ފިނޭންސް މިނިސްޓުރީގެ އިތުރުން ކަމާ ގުޅޭ ހުރިހާ މުއައްސަަސާއެއް މެދުވެރިކޮށް މަޝްވަރާ ކޮށްފައިވާނެ. ކައުންސިލުތަކުން ވެސް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެއްބާރުލުން ދިނުމަށް އޮތީ ތައްޔާރަށް. އެބޭފުޅުން މީގެ ކުރިން ގެންދެވި އުސޫލުން އެހީތެރިކަމާއި އެއްބާރުލުން ދެއްވައިގެން އެކަން ކުރުމަށް ކައުންސިލުތަކުން އޮތީ ތައްޔާރަށް. ދެން އެމްއޯޔޫއެއްގައި ސޮއި ކުރެވިގެން މިކަން [މިސްކިތްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުން] މިދަނީ،" އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.
ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ވެސް މާދަމަ އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުވާ އިރު އެންމެ ކަންބޮޑުވާ ކަމަކީ މުސާރައިގެ ކަންކަތައްތައް ކަމަށް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދި އެކަމަށް ގޮތެއް ނިންމާފައި ނުވި ނަމަވެސް ކައުންސިލުތަކުން މުސާރަ ހަދަމުން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ކައުންސިލުތަކަށް ބޭނުންވާ ކަންކަން ފަސޭހަ ކޮށްދިނުމުގައި މިނިސްޓުރީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓުރީގެ ދަށަށް ރާއްޖޭގެ ހުރިހާ މިސްކިތްތައް ގެންދިއުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.