30 Nov 2015, 15:39
ސްޕެނިޝް ލީގްގައި ރޭ ސެވިއްޔާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ވެލެންސިއާގެ ކޯޗް ކަމުން ނޫނޯ އެސްޕިރޭޓޯ ސަންޓޯ އިސްތިއުފާ ދީފި އެވެ.
ވެލެންސިއާގެ ކޯޗް ކަމާ ނޫނޯ ހަވާލުވީ މިދިޔަ ހަރު ޖުލައި މަހު އެޓީމްގެ އޭރުގެ ކޯޗް ހުއާން އެންޓޯނިއޯ ޕިޒީ ކޯޗް ކަމުން އިސްތިއުފާ ދިނުމުންނެވެ.
ވެލެންސިއަގެ ކޯޗް ކަމާ ނޫނޯ ހަވާލުވެ އޭނާ ވަނި މިދިޔަ ސީޒަންގައި ސްޕެނިޝް ލީގްގެ ހަތަރު ވަނައަށް ވެލެންސިއާ ގެންގޮސްދީ އަހަރުތަކެއްގެ މެދު ކެނޑުމަކަށް ފަހު އެޓީމް ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީފަ އެވެ.
ނަމަވެސް ޔޫއެފްއާ ޗެމްޕިއަންސް ލިގްގެ ފަސޭހަ ގުރޫޕެއްގައި ވެލެންސިއާ ލައްވާލި ނަމަވެސް އެޓީމް އޮތީ ދެ ވަނަ ބުރަށް ނުދެވި މުބާރަތުން ކެޓުމުގެ ބިރާ ކުރިމަތިވެފަ އެވެ.
ރޭގެ މެޗުން ބަލިވެ އެޓީމް އޮތީ ތާވަލްގެ ނުވަ ވަނައިގަ އެވެ.
ނޫނޯގެ އިސްތިއުފާއާ ގުޅިގެން ބައެއް މީޑިއާތަކާ ވަހަކަ ދައްކަމުން އޭނާ ބޫނީ ސެވިއްޔާގެ މެޗްގެ ކުރިން އޭނާ އިސްތިއުފާ ދިނުމަށް ކްލަބުގެ ރައީސް ޕީޓާ ލިމްއާ ވާހަކަ ދައްކާފައިވާނެ ކަމަށާއި އަދި މިވަގުތަކީ ކްލަބަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް އެންމެވެސް އެއް ބަސްވާ ކަމަށެވެ.
އެހެންވެ މިވަގުތު ކްލަބަށް ވެސް އެންމެ ރަނގަޅުވަނީ އޭނާ ކްލަބުގެ ކޯޗް ކަމުން ވަކިވުން ކަމަށް ނޫނޯ ބުނެފައިވެ އެވެ.
ވެލެންސިއާގެ މިހަފުތާގެ ޕްރެކްޓިސް ސެޝަންތައް ކުރިއަށް ގެންދާނީ ފިލް ނޭވިލްގެ ބެލުމުގެ ދަށުންނެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވެލެންސިއާގެ ކޯޗް ކަމަށް ދެން އައުން އެންމެ ގާތީ ބާސެލޯނާގެ ކުރީގެ ކޯޗް ފްރޭންކް ރައިކާޑް ނުވަތަ ސްވަންސީ ސިޓީގެ ކުރިގެ ކޯޗް މައިކަލް ލައުޑޮރޮޕް އެވެ.