30 Nov 2015, 14:20
ސްރީލަންކާ އެއާޕޯޓުގައި ދިވެހިން އިތުރަށް ދެން ޗެކު ނުކުރާނެ ކަމަށް ރާއްޖޭގެ ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ލަންކާ އެއާޕޯޓުގައި ދިވެހިން ޗެކު ކުރަމުންދާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު މިއަދު ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ އާއި އެ ގައުމުގެ ކަސްޓަމްސް ޑައިރެކްޓަރު ޖެނެރަލް މިސްޓަރު ސެމަސިންގްއާ ލަންކާގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ލަންކާއަށް މި ދުވަސްވަރު ދަތުރު ކުރައްވާ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ. ޖުނައިދު ވިދާޅުވީ ދިވެހިން ލަންކާ އެއާޕޯޓުގައި ޗެކު ކުރަމުން ދާތީ އެކަމާ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ވިދާޅުވީ މި ދުވަސްވަރު ލަންކާ އެއާޕޯޓުން މީހުން ޗެކު ކުރަމުން ދަނީ ބައެއް ފަރާތްތަކުން ވިޔަފާރި މުދަލުގެ ގޮތުގައި ބެލެވޭ މިންވަރަށް ތަކެތި ގެންނަ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެކަން އެގޮތަށް ހިނގާ ކަމަށް ފާހަގަކުރެވިފައި ނުވާތީ ރާއްޖޭގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ އެދިވަޑައިގަތުމުގެ މަތީން ޗެކު ކުރުމުގެ ކަންކަން އާއްމު ހާލަތަށް ބަދަލުކުރެވިގެން ދާނެ ކަމަށް ރަވީ ވިދާޅުވި އެވެ. އަދި ރަވީ ވަނީ އެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މިދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ހާއްސަކޮށް ކާބޯތަކެތި ގެންދާއިރު އެ މީހެއްގެ އަމިއްލަ ބޭނުމަށް ފުދޭ މިންވަރަށް ވުރެ އިތުރަށް ތަކެތި ނުގެންދިއުމަށް ލަންކާ ކަސްޓަމްސް އިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ކަސްޓަމްސްގެ ބަލައި ފާސްކުރުމާއި އެކްސްރޭ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ލަންކާ ކަސްޓަމްސްގެ އެހީތެރި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނައިދު ވަނީ އެދިވަޑައިގެންފަ އެވެ.