އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އެކުވެރި އަރަބި އިމާރާތުގެ ފޯވަޑް އަހްމަދު ޚަލީލް ހޯދައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރޭ ބޭއްވި އޭއެފްސީ އެވޯޑް ނައިޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޚަލީލު ހާސިލުކުރި އިރު، ޚަލީލާ ވާދަކޮށްފައިވަނީ އޭނާއާ އެކޮށް ޔޫއޭއީ ގައުމީ ޓީމަށް ކުޅެމުންދާ ޢުމަރު ޢަބްދު ރަހްމާނާއެވެ. އުމަރަށް ވަނީ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައެވެ.

ތިން ވަނަ އަށް ހޮވިފައިވަނީ 2013 ވަނަ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗައިނާގެ ޒެންގް ޒީއެވެ.

އިންޓަނޭޝަނަލް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ޓޮޓަންހަމްހޮސްޕާއަށް ކުޅެމުން ގެންދާ ދެކުނު ކޮރެއާގެ ސަން ހެންގް މިންއެވެ.

އޭޝިއާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޮޑް ހޯދީ އުޒުބްކިސްތާންގެ މިޑްފީލްޑާ އުމުރުން 19 އަހަރުގެ ޑޮސްޓަންބެކް އަހްމަދޯވްއެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗައިނާގެ ގުއަންގްޒޯއަށް ކުޅެމުންގެންދާ ބްރަޒިލް ރިކާޑޯ ގްލޫޓް ޕެރޭރާއެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އުމުރުން 24 އަހަރުގެ ޚަލީލް ބުނީ އެވޯޑް ލިބުމުން އޭނާ އަށް ކުރެވުނު އިހްސާސް ބުނެދޭން ނޭންގޭ ކަމަށާއި މިއީ އޭނާގެ ކެރިއަރުގައި ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

އޭނާ ބޫނީ މިއީ އޭނާއަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި މިއީ ޔޫއޭއީއަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"ނިމޭއިރު އެއް ވަނަ ލިބޭނީ ކޮންމެވެސް އެކަކަށް. ފަހަރެއްގައި މިއަހަރުގެ އެވޯޑް އަހަންނަށް ލިބުނީ ހުރީ މެޗަކަށް އަހަރެން 100 ޕަސަންޓް ދިނުމުން ކަމަށް ވެދާނެ. ހަމަ ހަގީގަތުގައިވެސް މިއެވޯޑް ލިބޭނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން،" ޚަލީލް ބުންޏެވެ.