ބެއިރޫތު (ނޮވެމްބަރ30):ސީރިއާގެ އަރީހާ އަށް ރަޝިއާ އިން ދިން ވައިގެ ހަމަލާއެއްގައި 30 އާއްމުން މަރުވެއްޖެ ކަމަށް ސީރިޔާގެ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ސަލާމަތީ ފަރާތްތަކުން ބުނީ އެ ހަމަލާ އަރާފައިވަނީ އަރީހާގެ މީހުން ގިނަ މާރުކޭޓަކަށް ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އެންމެ ފުރަތަމަ ރިޕޯޓު ކުރި ގޮތުގައި ހަމަލާގައި މަރުވެފައި ވަނީ 18 މީހުންނާއި ހަތަރު ކުޑަކުދިންނެވެ. ނަމަވެސް، މަރުވި މީހުންގެ އަދަދު 60 އަށް އަރާނެ ކަމަށް އެ ޖަމްއިއްޔާ އިން ލަފާ ކުރެ އެވެ.

ރަޝިއާ އިން ބުނާ ގޮތުގައި އެ ގައުމުން ހަނގުރާމަ ކުރަމުން ދަނީ ސީރިއާގެ ބޮޑުބައެއް ހިސާރު ކޮށްފައިވާ އައިއެސް އާ ދެކޮޅަށެވެ. ނަމަވެސް ރަޝިއާގެ ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ ސީރިއާގައި މިހާރު އޮތް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅު ފަރާތްތައް ދިރިއުޅެމުންދާ ސަރަހައްދުތަކަށެވެ.

މިފަހަރު ހަމަލާދިން އަރީހާ އޮންނަ އިދްލިބް ޕުރޮވިންސަކީ އައިއެސް ޖަމާއަތުން ހަރަކާތްތެރިވާ ސަރަހައްދެއް ނޫނެވެ. މިއަހަރުގެ މޭމަހުގެ ތެރޭގައި އެ ސަރަހައްދު ހިފާފައި ވަނީ ބައްޝާރުލް އައްސަދުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުންނެވެ.

ސީރިއާގައި މިހާރު ކުރިއަށްދާ މަދަނީ ހަނގުރާމައިގައި ރަޝިއާގެ އިތުރުން އީރާނުންވެސް ސީރިއާގެ މިހާރުގެ ސަރުކާރާ ވާގިވެރިވެ އެވެ. ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި، ސައުދި އަރަބިއާ އާއި ތުރުކީ ހިމެނެ އެވެ.

ސީރިއާގެ އާއްމުން ބުނި ގޮތުގައި ތުރުކީއިން ރަޝިއާގެ ހަނގުރާމަވެރި ޖެޓެއް ވައްޓާލި ފަހުން ސީރިއާއަށް ދޭ ހަމަލާތައް ރަޝިއާ އިން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އޭގެތެރެއިން ގިނަ ހަމަލާތައް ދީފައި ވަނީ ތުރުކީއާއި ސީރިއާ ދެމެދު އޮންނަ ސަރަހައްދީ ރޮނގާ ވަރަށް ކައިރިން ކަމަށް ވެސް އާއްމުން ބުންޏެވެ.

ތުރުކީ އިން ސީރިއާ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އިންސާނީ އެހީގެ ނަމުގައި ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް ސީރިއާގެ އަސްކަރިއްޔާ އިން ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައި އެވެ.

މައުލޫމާތު: ރޮއިޓާސް