30 Nov 2015, 11:38
ނިއުރޭޑިއަންޓް ސްޕޯޓުސް ކްލަބުގައި އަންނަ ސީޒަންގައި ވެސް ދެމިހުރުމަށް އެޓީމާއެކު އެއްބަސްވުމަކަށްދާން ތައްޔާރުވަމުން އަންނަ ކަމަށް ދިވެހި ޕްރިމިއާ ލީގު ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިން ކޯޗު، ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނެފި އެވެ.
ޓްވިޓާ މެދުވެރިކޮށް އޭނާ ބުނެފައިވަނީ އަންނަ ސީޒަންގައި ނިއުރޭޑިއަންޓާއެކު މަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
އަދި އަންނަ ސީޒަނަށް ޓީމްވެސް އެކުލަވާލެވިފައިވާ ކަމަށް ކަވަޒޮވިޗް ބުންޏެވެ.
ސަންއާ ވާހަކަ ދައްކަމުން ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯޅަ އަންވަރު އަލީ ވިދާޅުވީ ނިއުއާއެކު ދިޔުމަށް ކޯޗު ހުށަހަޅާފައިވާ ކަމަށާއި ޖުމްލަކޮށް ނިއުގެ ހުރިހާ ބޯޑު މެމްބަރުން ވެސް އޭނައާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
ނަމަވެސް އަދި ކަވަޒޮވިޗާއެކު އެއްބަސްވުމަކަށް ނުދާ ކަމަށާއި މިހަފުތާގައި ބާއްވާ ބޯޑު މީޓީންގައި އެކަމާ މެދު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
ސާބިއާއަށް ކަވަޒޮވިޗް ކޯޗިން ކެރިއާ ފެށީ 1996 ވަނަ އަހަރު ސަބިއާގެ ކުލަބު އެފްކޭ ބަސްކުންނެވެ.
ކަވަޒޮވިޗް ނިއުއާ ހަވަލުވީ ޕްރެޒިޑެންޓް ކަޕަށް ފަހު އޭރުގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) އިސްތިއުފާ ދިނުމުންނެވެ.
އޭނައަކީ މިސީޒަންގައި ނިއުގެ ކޯޗުކަމަ ހަވާލުވި ހަތަރު ވަނަ ކޯޗެވެ. އޭނާ ވަނީ ތަޖަކިސްތާނާއި ޝްރީލަންކާގެ ގައުމީ ޓީމަށް ކޯޗުކޮށްދީފައެވެ.