ޑީއާރުޕީގައި ދެ ފެކްޝަނެއް ނޯންނަ ކަމަށާއި އުޅޭ މައްސަލައަކީ ޕާޓީގެ އަސާސީ ގަވައިދާއި އެ ޕާޓީގެ ކައުންސިލް ގަބޫލު ނުކުރާ ބަޔަކު އުޅެނީ ކަމަށް ލީޑަރު އަޙުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ތަސްމީން ވިދާޅުވި ގޮތުގައި ޕާޓީއެއްގެ އަސާސީ ގަވައިދާއި އުސޫލުތައް ގަބޫލު ނުކުރާ މީހަކީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފެކްޝަނެއް ނޫން. ޑީއާރުޕީގެ އުސޫލުތައް ގަބޫލް ނުކުރާން ޑީއާރުޕީގެ ނިންމުއްތައް ގަބޫލު ނުކުރާން ވަކިވެގެން ވަކިން މަސައްކަތް ކުރާ ބައެއް[އުޅެނީ]،" ޑީއާރުޕީގެ ދެ ފެކްޝަގެ މެދުގައި އޮންނަ ކޯޅުމާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވި ގޮތުގައި ޑީއާރުޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ޕާޓީގެ މެމްބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ އަށް ފޫނުބެއްދޭ ގެއްލުންތައް ވިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ޕާޓީގެ ކައުންސިލުން ކުރާނެ އެވެ. ޑީއާރުޕީގެ ލީޑަޝިޕާއި އެ ޕާޓީގެ ކައުންސިލުން ނިންމާ ނިންމުންތައް ގަބޫލު ނުކުރާން ވަކިވެގެން އުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ކައުންސިލާ އޭނާ ގެންދަވަނީ ވާހަކަ ދައްކަވަމުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަޝިޕް ރައީސް މައުމޫން އަބްދުލްގައްޔޫމް ތަސްމީނާ ހަވާލުކުރެއްވީ ރިޔާސީ އިންތިހާބަށް ފަހު ޑީއާރުޕީ އަށް ކުރިމަތިވި މާލީ މައްސަލަތައް 2010 ވަނަ އަހަރު ނިމުމުގެ ކުރިން ހައްލުކުރުމަށް ޝަރުތުކޮށްފައި ކަމަށް ދެކެވޭ ވާހަކަ ތަސްމީން މިއަދު ދޮގޮކުރެއްވި އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީއަކީ 40000 ވަރަކަށް މެމްބަރުން ތިބި ޕާޓީއެއް ކަމަށާއި އެފަދަ ޑީލެއްގެ ދަށުން ޕާޓީގެ ކަމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޑީއާރުޕީގެ ތަސްމީން ފެކްޝަނުން ބާއްވާ ޖަލްސާތަކުގައި މީހުން ބައިވެރިވާލެއް މަދުވުމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ ކިތައްމެ މީހުން މަދުވިޔަސް ވީހާ ވެސް ގިނަ ޖަލްސާތަކެއް ބާއްވާނެ ކަމަށާއި އެއީ ޕާޓީން އެކި ކަންކަމާ ބެހޭ ގޮތުން ރައްޔިތުންނާ ހިއްސާ ކުރުމަށް ބާއްވާ ޖަލްސާތަކެއް ކަމަށެވެ.