ރެސްލިން ތަޅާ މީހެއްގެ ރޯލުން ސަލްމާން ފެނިގެންދާ ފިލްމު "ސުލްތާން" ގައި ބަތަލާއެއްގެ ރޯލު ކުޅޭނެ އެކްޓްރެސް އެއް ހަމަނުޖެހިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ. އަދި އެ ފިލްމުގެ ޝޫޓިންގް ވަނީ މިމަހު 22 ވަނަ ދުވަހު ބަތަލާއަކާއި ނުލައި ފަށާފައެވެ.

އެ ފިލްމުން ދެ ބަތަލާ ފެނިގެންދާނެ ކަމުގެ އަޑުތައް ވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށާއި، އެ ފިލްމުގައި ފެންނާނީ އެންމެ ބަތަލާއެއް ކަމަށްވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

އަދި ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކާއި މެދު އަޑުފެތުރިފައިވާ މި ދުވަސްވަރު، އެ ރޯލުން ފެނިގެންދާނީ ދީޕިކާ ކަމަށާއި އެކަން ސުލްތާން އުފެއްދުމުގެ މަސައްކަތުގައި އުޅޭ ފަރާތަކުން ޔަގީންކޮށްދީފައިވާ ކަމަށްވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

ބޮލީވުޑް ހަންގާމާ އާއި ހަވާލާދީ ސަލްމާން ގެ ހަބަރުތައް ފަތުރާ "ސަލްމާން އޮންލައިން.ކޮމް" އިން ބުނީ، 2014 ވަނަ އަހަރު ސަލްމާން ކުޅުނު ފިލްމު "ކިކް" އަދި އެންމެ ފަހުން ކުޅުނު ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" ގައިވެސް ބަތަލާގެ ރޯލު ކުޅެން އެންމެ ފުރަތަމަ ހުށައަޅާފައިވަނީ ދީޕިކާ އަށެވެ.

އެހެންނަމަވެސް، އޭނާ އަށް އެ ދެ ރޯލު ކަމުނުދާތީ، ކުޅެން އެއްބަސް ނުވީ ކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ދީޕިކާ، ސަލްމާން އާއި އެކު "ސުލްތާން" އަށް ޝޫޓުކުރަން ފަށާނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބާޖީރާއީ މަސްތާނީ" ރިލީސް ކުރުމުންނެވެ.

ސޯސް: ސަލްމާން އޮންލައިން.ކޮމް އަދި އެމްސްޓާސް ނިއުސް