30 Nov 2015, 10:37
ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތް ބެލުމަށް ގާއިމްކޮށްފައިވާ މެކޭނިޒަމެއް ކަމަށްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު( ޔޫޕީއާރް) އިން ރާއްޖެއަށް އިރުޝާދު ދީފައިވާ، އިންސާނީ ހައްގުތަކުގެ ދާއިރާއިން ރަނގަޅު ކުރަން ހުށަހަޅާފައިވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކާ އެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބައްދަލުވުމެއް ފަށައިފިއެވެ.
ސްޓެލްކޯ މާލަމްގައި މިއަދު ހެނދުނު ފެށި އެ ބައްދަލުވުމުގައި ދައުލަތުގެ ތިން ބާރުގެ ފަރާތުން ވެސް ބޭފުޅުން ބައިވެރިވެވަޑައިގެނެންވި ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެޗްއާރްސީއެމްގެ ޑިރެކްޓަރު އަޙުމަދު އަމީން ވިދާޅުވީ ޔޫޕީއާރްގެ އެންމެ ފަހުގެ ސައިކަލް ނިމުމުން ރާއްޖެއަށް 258 ރިކޮމެންޑޭޝަން ލިބިފައިވާ ކަމަށާއި އެހެންވީމާ އެކަމާ ގުޅޭ މަސައްކަތްތައް މިހާރުން ކުރަން ޖެހޭ ކަމަށެވެ.
"... އަޅުގަނޑުމެންގެ ޔޫޕީއާރްގެ އެންމެ ފަހުގެ ސައިކަލް މިނިމުނީ 2015 ، މިއަހަރުގެ މޭމަހުގެ ތެރޭގައި. ދެން އަޅުގަނޑުމެންނަށް ރިކޮމެންޑޭޝަންތަކެއް ލިބިފައި އެބައޮތް 258 ރިކޮމެންޑޭޝަން. އެހެންވީމާ މިހާރުން ފެށިގެން އަޅުގަނޑުމެން ފަށަން އެބަޖެހޭ ދެއްތޯ މަސައްކަތް. މީ ހަތަރެއް ބައި އަހަރުގެ ސައިކަލްއެއް މި އޮންނަނީ،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ ޔޫޕީއާރް ރިކޮމެންޑޭޝަންތަކަކީ ކޮބައިކަން ދައުލަތުގެ މުއައްސަސާތަކަށް އަންގައިދީ، އެކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.