30 Nov 2015, 09:45
ކްލާސް ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މުމްބާއީ ސިޓީގެ ސްކޫލެއްގެ ހަތަރު ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
އެ ސިޓީގެ ސީނިއާ ފުލުސް އޮފިސަރެއް ކަމަށްވާ ޝަޝަންކް ސަންދްބޯރް ބުނީ، އުމުރުން ފަނަރަ އަހަރުގެ އެ އަންހެން ކުއްޖާ އެންމެ ފުރަތަމަ ރޭޕްކޮށްފައި ވަނީ މިމަހު އަށް ވަނަ ދުވަހު ކަމަށާއި އޭނާ ރޭޕް ކޮށްފައި ވަނީ ފިލާވަޅު ދަސް ކުރުމަށް އެހީއެއް ބޭނުން ކަމަށް ބުނެ އެތަނުން އެއް ފިރިހެން ކުއްޖެއްގެ ގެއަށް ގެންދިއުމަށް ފަހު ކަމަށެވެ.
އަދި އެގެއަށް އެ އަންހެން ކުއްޖާ ދިޔަ އިރު، އަނެއް ތިން ފިރިހެން ކުދިން އެގޭގައި އެވަގުތު ތިބި ކަމަށާއި އަދި ތިން މީހުން ވެގެން އޭނާ ރޭޕްކުރީ ކަމަށެވެ.
ހަމައެއާ އެކު، އެކަން އެހެން މީހަކަށް އަންގައިފި ނަމަ، ރޭޕް ކުރި އިރު ރިކޯޑު ކުރި ވީޑިއޯ ސޯޝަލް މީޑިއާއަށް އަޕްލޯޑު ކުރާނެ ކަމަށް ބުނެ އަންހެން ކުއްޖާއަށް ބިރު ދައްކާފައިވާ ކަމަށް ވެސް ސަންދުބޯރް ބުންޏެވެ.
"އަދި އެހެން ބުނެ އެތަކެއް ފަހަރު މަތިން އެ ހަތަރު ފިރިހެން ކުދިން ވަނީ އަންހެން ކުއްޖާ ރޭޕް ކޮށްފައި. އަދި އެ ވީޑިއޯ ވަޓްސް އަޕް އަށްވެސް އަޕްލޯޑް ކޮށްފައި،" ސަންދްބޯރް ބުންޏެވެ.
ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ އެ އަންހެން ކުއްޖާ އެ ވާހަކަ އެއްވެސް މީހެއް ގާތު ބުނެފައި ނުވާ އިރު، އެކަންތައް ފަޅާ އެރީ އަންހެންކުއްޖާގެ ބޮޑު ދައިތަގެ ފޯނަށް އެ ވީޑިއޯ މީހަކު ފޮނުވުމުންނެވެ.
މާމައާއި، ބޮޑުދައިތަ އަދި ދައްތައަކާ އެކު ދިރިއުޅެމުން އަންނަ އެ އަންހެން ކުއްޖާގެ މަންމަ ގައުމުން ބޭރުގައި މަސައްކަތް ކުރަމުން އަންނަ އިރު، ބައްޕަ ވަނީ މަރުވެފަ އެވެ.
އަންހެން ކުދިން ރޭޕް ކުރުމަކީ އިންޑިއާގައި ވަރަށް އާއްމުވެފައިވާ މައްސަލައެލެކެވެ.
މައުލޫމާތު: ނޫސްތައް