އަގުހެޔޮކޮށް ތެޔޮ ހޯދުމަށް ސައުދީ ސަރުކާރަށް ހުށަހަޅަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލު ކުރި މަސައްކަތް ކުރިއަށް ނުގެންދަވައި އިތުރުފުޅު ހެއްދެވި ކަމަށް އިޝާރާތްކޮށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވާހަކަފުޅު ދައްކަވައިފި އެވެ.

އިންވެސްޓްމަންޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ސައުދީއަށް ފުރާވަޑައިގަތުމުގެ ކުރިން ހުޅުލޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ ރައީސުލްޖުމްހޫރީ ސައުދީއަށް ކުރެއްވި ދަތުރުފުޅާއެކު ތެޔޮ އަގު ހެޔޮކުރުމަށް ސަރުކާރަށް އޮތީ ބޮޑު ކުރިއެރުމެއް ލިބިފައި ކަމަށެވެ. އޭރު ސައުދީއަށް ރާއްޖެއިން ދީފައިވާ ޔަގީންކަމަކީ ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކެއް ކޮށް ނިންމާފައި ހުރިކަން ކަމަށާއި ނަމަވެސް ފަހުން ބެލިއިރު ނައިބު ރައީސް އަދީބު ހުރީ އެކަންކަން ނުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދީބު އޭރުގައި ވިދާޅުވެފައި އޮތީ އެ މައުލޫމާތުތައް އޮތީ ދީފައޭ، ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން، އަޅުގަނޑުމެންނަށް ފަހުން އެނގުނު ގޮތުގައި ވިއްޔާ މި ބޮންގޮއްވި ހާދިސާއާ ގުޅިގެން ނައިބު ރައީސްކަމުން ވަކިވެ އެ ޕުރޮޖެކްޓްތައް ދެން ކުރިއަށްދާނެ ގޮތަކާއި ދޭތެރޭ ވާހަކަދެކެވުނުއިރު އަޅުގަނޑާއި އެކަން ހަވާލުވެގެން ކުރިއަށް ގެންގޮސް ބެލިއިރު އަޅުގަނޑު ބެލިއިރު އެކަން ހުރީ ނުކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ކޮން ކަންތައްތަކެއް ކަމެއް މިނިސްޓަރު ޝައިނީ ވިދާޅެއްނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއާއެކު ވާހަކަދެކެވުނު އިރު އެގޮތަށް ކަންވެފައިވުމުން ދެން ވާހަކަ ދައްކާ ކުންފުނިތަކުން އެގޮތަށް ކަންވިޔަ ނުދިއުމުގެ ޔަގީންކަން ބޭނުންވާ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

އަރަމްކޯއިން ބޭނުންވާ ސިޓީއެއް އައުމާއެކު އެމަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި މިރޭ ސައުދީއަށް ކުރައްވާ ދަތުރުގައި ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.