އަންނަ އަހަރު ތެރޭގައި ތަފާތު އިގްތިސާދީ މަޝްރޫތައް ފެނިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންވެސްޓްމަންޓުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ސައުދީއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރު ތަފާތު މަޝްރޫތައް ފެނިގެންދާނެ ކަމަށެވެ. އެގޮތުން މިނިސްޓާ އަލިއަޅުވާލެއްވި މަޝްރޫތަކުގެ ތެރޭގައި ބްރިޖު މަޝްރޫ އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގެ ތަރައްގީ ހިމެނެއެވެ.

"ބްރިޖުގެ މަސައްކަތް 2016 ގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލޯތަކަށް ފެނިގެންދާނެ، އެއާޕޯޓުގެ މަސައްކަތް އަޅުގަނޑުމެންނަށް ލޯތަކަށް ފެނިގެންދާނެ، މިއީ އެއާޕޯޓް އެކަނި މިއީ 800 ބިލިއަން ޔޫއެސް ޑޮލަރުގެ ޕުރޮޖެކްޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓުރާންޝިޕްމަންޓް ބަނދަރުގެ ވާހަކަ އަކީ ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި އެކަން ކޮންސެޕްޓަކަށް ހެދީ މިދިޔަ އަހަރު ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ކަމަށެވެ. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކޮންސަލްޓަންޓް ފާމުތަކާއެކި މަސައްކަތްކޮށް މިހާރު ދަނީ މަސައްކަތް ފެށެން ކަމަށް ސައީދު ވިދާޅުވިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އިންވެސްްމަންޓްތައް ނުފެންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓާ ސައީދު ވިދާޅުވީ ދެ އަހަރަކީ ބޮޑެތި އިންވެސްޓްމަންޓުތައް އައުމަށް ކުޑަ މުއްދަތެއް ކަމަށެވެ.

ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެސްއީޒެޑް ގާނޫނުން ދައްކުވައިދެނީ ރާއްޖޭގައި އިންވެސްޓަރުންނަށް ފުރުސަތު އޮތްކަން ކަމަށާއި އޭގެ ދަށުން ޕުރޮޖެކްޓްތައް "ފުދޭވަރަކަށް" އަންނަ ކަމަށެވެ.

ކޮންމެ ކޮންމެ ޕުރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ރާއްޖެއަށް ގެއްލުންނުވާފަދަ ޕުރޮޖެކްޓްތައް ކުރިއަށް ގެންދިއުން ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

އިންވެސްޓަރުން އަންނައިރު ރާއްޖޭގެ އޮތް ހަމަޖެހުމަށްވެސް ބަލާނެ ކަމަށާއި ބަޔަކު ނުކުމެ "ނާންނާށޭ ބުނެ ކިޔަމުންދާނަމަ" އެކަމަށްވެސް ބަލާނެ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ. އެފަދަ ކަންކަމުން އިންވެސްޓްމަންޓްތަކަށް ލަސްވުން ދިމާވާނެ ކަމަށް މިނިސްޓާ ޝައިނީ ވިދާޅުވި އެވެ.