މި އަހަރުގެ ސީޒަނަށް ނިއު ތައްޔާރުވީ ވަރުގަދަ ޓީމެއް އެކުލަވާލައި އެއެފްސީ ކަޕްގައި ވެސް ރަނގަޅު ނަތީޖައެއް ހޯދުމުގެ އަމާޒުގަ އެވެ.

ވޭތު ވެދިޔަ ތިން އަހަރު ނިއު ދޫކޮށް ވާދަވެރި މާޒިޔާ އަށް ބަދަލުވި ގައުމީ ކީޕަރު ޢިމްރާން މުޙައްމަދުގެ ބަދަލުގައި އެ ޓީމްގެ ގޯލް ބަލހައްޓަން ގެނައީ ފިލީޕީސްސް ލީގަގައި މޮޅު ކުޅުމެއް ދައްކާފައިވާ ސްޕެއިންގެ ޒުވާން ކީޕަރެއް ކަމުގައިވާ ޕަބްލޯ މަރެންކޯ އެވެ.

ޕީޕަލްސް ކަޕްގައި ލަޔަންސާ ދެކޮޅަށް ކުޅުނު މެޗްގައި ލަޔަންސް ކުޅުންތެރިޔެއްގެ ކައިރިން ބޯޅަ ހިފައިގެން ދާން ނިއުއަށް ކުޅުނު އެވަޓަން ސަންތޯސް ސޫޒާ (11) މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެރަންކޯއާ އެކު ދެން އެ ޓީމަށް ގެނެސްފައި ވަނީ ބްރަޒިލްގެ ދެ ކުޅުންތެރިން ކަމުގައިވާ ކުރިން އޭވައިއެލްއަށް ކުޅުން އެވަޓަން ސަންތޯސް ސޫޒާއާއި މިހާރު ޓީސީއަށް ކުޅެމުންދާ ރެފޭލް ބެޓިއަމް މާޓް (ރަފިއަނާ) އެވެ. ނަމަވެސް ސީޒަންގެ ކުރީ ކޮޅު ނިއުއަށް ގިނަ މަސައްލަތަކެއް ދިމާވެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނާއި ކޯޗްގެ ކޮންޓްރެކްޓް ބާތިލުކޮށް ރަށަށް ފޮނުވާލި އެވެ.

ބިދޭސީ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ބާތިލުކުރުން

ސީޒަން ފެށުމުގެ ކުރިން އެއެފްސީ ކަޕްގައި ރާއްޖެ އިން ވާދަކުރާ ދެ ޓީމަށް ވޯމްއަޕެއް ދިނިމުގެ ގޮތުން ބިދޭސީ ޓީމްތަކަށް ދައުވަތު ދީގެން އެފްއޭއެމް އިން ތާރަފުކުރި ޕީޕަލްސް ކަޕަށް ނިއުރޭޑިއަންޓުން ނިކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. މިދިޔަ އަހަރުގެ ލީގް ޗެމްޕިއަންކަމާއި ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދައި އެ ދެ މުބާރާތް މިލުކު ކުރުމާ އެކު މި އަހަރު ފެށީ ވެސް އާ އުންމީދުތަކާއެކު އެވެ. ޕީޕަލްސް ކަޕްގައި ނިއުއަށް ރަނގަޅު ފައިޓެއް ދެވިދާނެ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެމުބާރާތުގައި އެޓީމްވީ އެންމެ ދަށް ނަތީޖާ ހޯދި ޓީމަށެވެ.

ނަތީޖާއެއްގެ ގޮތުން ޓީމުން އުންމީދު ކުރިވަރުގެ ކުޅުމެއް ނުފެނުމުން މިސީޒަންގައި ނިއުއަށް އަލަށް ގެނައި ބިދޭސީ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ނިއުއިން ބާތިލު ކުރި އެވެ.

އަވަސް އަވަހަށް ކޯޗުން ބަދަލު ކުރުން

މިދިޔަ ދެ އަހަރަކީ ނިއުގައި ތަފާތު ހަތް ކޯޗެއް މަސައްކަތް ކުރި ދެ އަހަރެވެ. މިއީ 36 އަހަރުވީ ނިއުގެ ތާރީޚްގައި އެޓީމުގެ ކޯޗްގެ ގޮނޑި އެންމެ އަވަސް އަވަހަށް ބަދަލުވީ މުއްދަތެވެ.

މިދިޔަ ސީޒަންގައި ނިއު އިން ފެނުނު ތިން ބިދޭސީ ކޯޗުންގެ ތެރެއިން ސީޒަން ނިމިނު އިރު ހުރި ފިންލޭންޑްގެ ކޯޗް މިކާ ލޮމްސްޓްރޮމް އެވެ. މި އަހަރުގެ މުބާރާތަށް ވެސް ނިއު ތައްޔަރުވީ މިކާއާ އެކު އެވެ. ނަމަވެސް ޕީޕަލްސް ކަޕްގައި ހޯދި ދަށް ނަތީޖާތަކާ ގުޅިގެން ނިއުއިން ވަނީ މިކާގެ އިތުރުން އެސިސްޓެންޓް ކޯޗް އިސްމާއީލް އަނިލް ވެސް ވަކިކޮށްފަ އެވެ.

މިސީޒަންގައި ނިއުގެ ކޯޗްގެ މަގާމުގައި އެންމެ ފުރަތަމަ ހުރި މިކާ ލޮމްސްޓޮރަމް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިކާއަށް ފަހު ޓީމާ ހަވާލުވި ބޮސްނިއާގެ އާމިރު އަލަގިޗެވެ. ނަމަވެސް ރާއްޖޭގެ ސްޓައިލް އޭނާއަށް ނުގުޅޭތީ ނިއުގެ ކޯޗްކަން ދޫކޮށްލުމަށް ފަހު އޭނާ ރަށަށް ފުރީ އެވެ.

މިސީޒަންގައި ނިއުރޭޑިއންޓްގެ ކޯޗްކަން ކުރި އާމިރް އަލަގިޗް. އޭނާ ރާއްޖެ އިން ފުރައިގެން ދިޔައި ރާއްޖޭގެ ސްޓައިލް އޭނާއާ ނުގުޅޭ ކަމަށް ބުނެ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަލަގިޗަށް ފަހު ނިއުއިން ކޯޗްގެ މަސްއޫލިއްޔަތު ހަވާލު ކުރީ މިސީޒަންގައި ނިއުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ހުރި ކުރީގެ އެއް ވަނަ ޑިފެންޑަރު ޞޮބާހް މުޙައްމަދެވެ.

ސޮބާ ޓީމާ ހަވަލުވީ ވެސް އުނދަގޫ މަރުހަލާއެއްގެ ތެރެއިންނެވެ. ޓީމާ ހަވާލުވެ އޭއެފްސީ ކަޕްގައި ނިއުގެ ނަތީޖާ ރަނގަޅު ކުރި އެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ ތާވަލްގެ އެއް ވަނައަށް ނިއު ގެންގޮސްދީ އޭނާ ކޯޗް ކަމުގެ ދަށުން ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް އެޓީމް ގެންގޮސްދިނެވެ.

ނިއުގެ ޕްރެކްޓިސް ޝެޝަނެއްގެ ތރެއިން ސޮބާ ޓީމަށް އިރުޝާދު ދެނީ. އޭނާ ނިއުގެ ކޯޗް ކަމުން އިސްތިއުފާ ދިނީ ލީގްގެ އެއްވަނައަށް ނިއު ގެންގޮސްދީ ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް ގެންގޮސް ފައިނަލުން ބަލި ވުމަށް ފަހު --- ފައިލް ފޮޓޯ/ ކުޅުދުއްފުށި ޑޮޓްކޮމް

ޕްރެޒިޑެންޓް ކަޕަށް ފަހު ނިއުގެ ކޯޗް ކަމުން އިސްތިއުފާ ދިންކަން ސޮބާ އިއުލާން ކުރި އެވެ. ސޮބާއަށް ފަހު ނިއުއާ ނިއުއާ ހަވާލުވީ މިހާރުގެ ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗެވެ.

ކަވަޒޮވިޗް ޓީމާ ހަވާލުވެ އެޓީމް ބަލިވީ ވެލެންސިއާ އަތުން އެކަންޏެވެ.

ނިއުއަށް ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް އޭނއަކީ ސީޒަނަގއި ނިއުއާ ހަވަޅުވި ހަތަރު ވަނަ ކޯޗް --- އިމޭޖަސް އެމްވީ ފޮޓޯ/ ހުސައިން ސިނާން

އަންނަ އހަރު ނިއުގައި ދެމިހުންނަންތޯ ސުވާލު ކުރުމުން އޭނާ ވަނީ އެކުގައި އަދި ވަކިގޮތެއް ނުނިންމާ ކަމަށް ބުނެފަ އެވެ.

ކެޕްޓަން އުމޭރު ނިއު ދޫކޮށް ވާދަވެރި މާޒިޔާއަށް

މިސީޒަނަށް ނިއުގެ ކެޕްޓަން ބޭންޑް އެކުލަބުން ހަވާލު ކުރީ މުހައްމަދު އުމޭރަށެވެ. ނަމަވެސް ޕީޕަލްސް ކަޕަށް ފަހު އުމޭރު ވަނީ ރިލީސް ހޯދައިގެން މާޒިޔާއަށް ބަދަލުވެފަ އެވެ. އެއަށް ފަހު އެޓިމުގެ ކެޕްޓަންކަން ކުރީ އަސްހަދު ޢަލީ (އަޑޭ) އެވެ.

އުމޭރު (މ) ޕީޕަލްސް ކަޕްގައި ނިއުގެ ކެޕްޓަން ބޭންޑާއެކު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހޮކޭއާއި ކަކާ ރިލޭގެ ސަސްޕެންޝަން

ޕީޕަލްސް ކަޕްގައި ނިއުއާ ސިންގަޕޫގެ ލަޔަންސް ބައްދަލު ކުރި މެޗްގައި ނިއުގެ ޑިފެންޑަރު މުޙައްމަދު ރަޝީދު (ހޮކޭ) ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އަރުމުން ހަ މެޗަށް ސަސްޕެންޑްކޮށް 15000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ. އެހެންވެ ކޮންމެ ޓީމަކަށް ވެސް 14 މެޗް ކުޅެންޖެހޭ ލީގްގައި ލީގްގެ ކުރީ ކޮޅުގެ މެޗްތައް ހޮކޭ ނުހިމަނައި ނިއުއިން ނިކުތެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ ކަރަށް ފައިއެރި ކުޅުންތެރިޔާ އިންޖަރީވެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޑިސިޕްލިނަރީ ކޮމިޓީއިން ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ ލަޔަންސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭގެ ތިން މަސް ފަހުން ސީޒަން ހުޅުވާ މެޗާއި ލީގްގައި ވެސް މެޗެއް ކުޅުނު ފަހުންނެވެ.

"ޖަނަވަރީ މަހު 24 ވަނަ ދުވަހު ކުޅެފައިވާ މެޗުގައި ހިނގައި ދިޔަ މައްސަލަ ބެލުމަށް ތިން މަސް ހޭދަވެފައި ވާތީ އާއި ހޮކޭގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ސީޒަން ހުޅުވާ މެޗާއި ލީގުގައި ވެސް މެޗް ކުޅުމަށްފަހުގައި ކަމަށްވެފައި އަދި ލީގަށް ކުޅުންތެރިން ރެޖިސްޓްރީކުރުމުގެ މުއްދަތު ފަހަނަޅައި ގޮސްފައިވަނިކޮށް، މި ސަސްޕެންޝަން އައުމުން ނިއުއާ މެދު ބޭއިންސާފުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޓީމުން ދެކޭތީ" އެކަމާ ގުޅިގެން އެމައްސަލަގައި ސުވާލު އުފައްދައި އެޕީލް ކުރުމަށް އެފްއޭއެމްގެ އެޕީލް ކޮމިޓީއަށް ނިއުއިން ހުށަހެޅި އެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭއާ ލަޔަންސްގެ ކުޅުންތެރިޔަކާ މެދު ކުރިމަތިލުމެއް ހިނަގަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެޕީލް ކޮމިޓީއިން ނިންމާފައި ވަނީ ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ކަމަށެވެ.

ލީގްގެ ފުރަތަމަ މެޗްގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗްގައި ބޯޅަ ނެތިސް ވިކްޓްރީގެ ހަސަން ޒިއާންއަށް ނިއުގެ ރިލްވާން ވަހީދު (ކަކާ ރިލޭ) ކުރި ފައުލާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން މައްސަލަ ބެލުމަށް ފަހު ހަތަރު މެޗަށް އޭނާ ވެސް ސަސްޕެންޑްކޮށް 4000 ރުފިޔާ އިން ޖޫރިމާނާ ކުރި އެވެ.

ލީގް ފުރަތަމަ މެޗްގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗްގައި ވިކްޓްރީގެ ޙަސަން ޒިއާންއަށް ކުރި ފައުލާ ގުޅިގެން ރަތް ކާޑު ދެއްކުމުން ރިލޭ ދަނޑުން ދަނޑުން ފައިބައިގެން އަންނަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ލީގްގެ ކުރީ ކޮޅު ނިއުގެ ދެ ޕްލޭމޭކަރުންނަށް ސަސްޕެންޝަން ކުރިމަތިވީ އެވެ.

އެޑަމާ ކޯނޭ ގެނައުމަށް ހުރިހާ ކަމެއް ހަމަޖެހުމަށްފަހު ރިލީސް ނުލިބުން

ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާއި ހޮންކޮންއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ސީޒަން މެދު ކަނޑާލި ވަގުތަކީ ސީޒަންގެ ޓްރާންސްފާ ޕީރިއަޑް ވެސް ކުރިމަތިވި ވަގުތެވެ. އަލުން ލީގް ފެށެންވާއިރަށް ނިއުއިން ބުނެފައި ވަނީ އެޓީމްގެ ސަޕޯޓަރުން ހިނިތުންވާ ފަދަ ބަދަލެއް ޓީމުން ފެނިގެންދާނެކަމަށެވެ.

އެބަދަލުގެ ގޮތުގައި ނިއުއިން ފާހަގަކޮށްފައިވަނީ ފޯވަޑް ލައިން ވަރުގަދަ ކުރުމަށްޓަކައި 2013 ވަނަ އަހަރު އޭއެފްސީކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގައި ނިއުއާ ދެކޮޅަށް ކުޅުނު އައިވަރީކޯސްޓްގެ އެޑަމާ ކޯނޭ ގެނައުމެވެ.

ކޯނޭއަކީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓާ ޔަންގޮން މާލޭގައި ކުޅުނު މެޗްގައި ނިއު ބަލިކުރުމަށް ނިއު ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ނިއުގެ ތީމަށް ގެނައުމަށް މަސައްކަތް ކުރި އައިވަރީ ކޯސްޓްގެ އެޑަމާ ކޯނޭ --- ފޮޓޯ/ ކޯނޭގެ ޓްވިޓާ

ނަމަވެސް ކޯނޭ ގެނައުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް ފަހު ވަގުތު އޭނާ ކުޅެމުންދާ ތައިލެންޑްގެ ދެ ވަނަ ޑިވީޝަންގެ ކުލަބެއް ކަމަށްވާ ޕޫކެޓުއިން ފަހު ވަގުތު އޭނާއަށް ރިލީސް ދޭން ބޭނުންނުވި އެވެ.

އެހެންވެ ނިއުއިން ވިސްނުން ބަދަލުކުރަން ޖެހުނެވެ. އެންމެ ފަހުން އެޓިމުން ގެނެސްފައި ވަނީ ބަނގުލަދޭޝްގެ ލީގަށް ކުޅެފައިވާ ނައިޖީރިއާގެ ފޯވަޑެއް ކަމަށްވާ އަލަމޫ އޮލޮލެކަންއެވެ.

ޕްރެޒިޑެންޓް ކަޕްގައި މަހިބަދޫއާ ނިއު ބައްދަލު ކުރި މެޗްގެ ތެރެއިން ނިއުގެ އަލަމޫ (ވ) ބޯޅަހިފައިގެން މަހިބަދޫ ކުޅުންތެރިޔަކު ކައިރިން ދާން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ/ ކުޅުދުއްފުށީ ޑޮޓް ކޮމް

ނަމަވެސް އަނީޔާގެ ބައެއް މައްސލަތަކަ ހެދި ނިއުގެ ސަޕޯޓަރުން އެންމެ ބޭނުންވި ކުޅުމެއް އަލަމޫގެ ފަރާތުން ނުފެނުނެވެ.

އޭގެ އިތުންރުން 2013 ވަނަ އަހަރު ނިއުގެ ސީޒަންގެ ހުރިހާ މެޗެއް ކާމިޔަބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑިފެންޑަރު ޔަންގް ކިންގްސީލީ ޖޯން އަލުން މިސީޒަންގައި ނިއުއަށް ގެނެ އެވެ.

ނަމަވެސް މިދިޔަ އަހަރު ތައިލެންޑް ލީގްގައި ކުޅެނިކޮށް ފައި ބިންދައިގެން ގޮސް ލިބުނު އަނިޔާ ގުޅިގެން 2013 ވަނަ އަހަރު ނިއުގައި ދެއްކި ކުޅުމެއް ކިންގްސްލީއަކަށް މިސީޒަންގައި ނުދެއްކުނެވެ.

އަކުރަމްއާއި ނިޔާ ވިއްކާލުން

މިސީޒަނަށް ނިއު ތައްޔާރުވިއިރު އަކްރަމް ޢަބްދުލް ޣަނީއާއި އަހްމަދު ނިޔަޒަކީ ނިއުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިންނެވެ.

އަހްމަދު ނިޔާޒު ނިޔާ -23 (ކ) އާއި އަކްރަމް -13 (ވ) މިސީޒަންގެ ނިއުގެ ޖޯޒީގައި ކުޅޭނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްފާ ޕީރިއަޑްގައި ނިއުގެ ބައެއް ކުޅުންތެރިން ގަތުމަށް ބައެއް ކުލަބުތަކުން ހުށަހެޅި އެވެ. އެގޮތުން ނިއުއިން ވަނީ އެޓިމްގެ އަކްރަމް ބޮޑު އަގެއްގައި ވެލެންސިއާއަށް ވިއްކާލާފަ އެވެ. ނިޔާ ވިއްކާލީ ވިކްޓްރީއަށެވެ.

މިސީޒަންގައި ފުރަތަމަ ނިއުއަށް ކުޅުނު އަހްމަދު ނިޔާޒު ވިކްޓްރިއަށް ސޮއި ކުރުމަށްފަހު އެޓީމް ދައްކާލަނީ --- ފައިލް ފޮޓޯ/ ވިކްޓްރީ

ނިއުގެ ސަޕޯޓަރުންގެ ފާޑު ކިޔުން

ނިއުގެ ސަޕޯޓަރުންނަކީ އަބަދު ވެސް ރާއްޖޭގެ ކުލަބު ފުޓްބޯޅައިގައި އެންމެ ފޯރިނަގާ ސަޕޯޓަރުންނެވެ. މިސީޒަންގައި ހިލޭ ދަނޑަށް ވަންނަން ފުރުސަތު އޮއްއިރު ލީގް މެޗްތަކުގައި މުޅި ދނޑު އޮތީ ހުސްކޮށެވެ. ނަމަވެސް ނިއު ކުޅޭ މެޗްތަކުގައި މަދުން ނަމަވެސް ސަޕޮޓަރުން ދަނޑަށް ވަނެވެ.

ލީގް ބައެއް މެޗްތަކުގައި ނިއުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އެޓީމްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ކުލަބަށައި ކުޅުންތެރިންނަށް ފާޑު ކިޔުންތައް އަމާޒުވި އެވެ.

ނިއުރޭޑިއަންޓުގެ ސަޕޯޓަރުންތަކެއް ގައުމީ ފުޓްބޯޅަ ދަނޑުގައި-- ސަން ފައިލް ފޮޓޯ

ޚާއްސަކޮށް ނިއުގެ ބިދޭސީ ފޯވަޑް އަލަމޫއަށެވެ. އެގޮތުން ބައެއް މެޗްތަކުގައި ނިއުގެ ބައެއް ސަޕޯޓަރުން ވަނީ އަލަމޫ ދަނޑުން ބޭލުމަށް ގޮވައި އޭނަ ރަށަށް ފޮނުވާލުމަށް ގޮވާފަ އެވެ.

އެހެންވެ ސަޕޯޓަރުންގެ ފަޑު ކިޔުންތަކަށް ޖަވާބުދޭން ނިއުއަށް މަޖުބޫރުވި އެވެ. އެގޮތުން ލީގް ފުރަތަމަ ބުރުގައި މިހިބަދޫއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސަޕޯޓަރުން ކެތްތެރިވެ، ނިއުގެ ކޮންމެ ކުޅުންތެރިޔަކަށް ދޭން ޖޭހޭ އިހްތރާމް ދިނުމަށް މީޑިއާ މެދުވެރިކޮށް ނިއުގެ ސަޕޮޓަރުންނަށް ނިއުގެ އޭރުގެ އެސިސްޓެންޓް ކޯޗް ޙަސަން ހަމީދު (ޑަކޭ) އިލްތިމާސް ކުރިއެވެ. އަދި ލީގް ނިއު އެއް ވަނައިގައި އޮވެ ނިންމާނެ ކަމުގެ ޔަގީންކަން ނިއުގެ ސަޕޯޓަރުންނަށް ޑަކޭ ދިނެވެ.

ލީގް ޗެމްޕިއަންކަން ކަށަވަރު ކުރި މެޗްގައި ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި މުޙައްމަދު ކަރމް ނިއުގެ ސަޕޯޓަރުންނާއެކު އުފާ ކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަދު ނިއުއިން ވަނީ ނިއުގެ ސަޕޯޓަރުންނަށް ދިން އެޔާގީން ކަމާއެކު ބާކީ އެއް މެޗް އޮއްވައި ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ. ނަމަވެސް ނިއު އެހިސަބަށް ދަތުރު ކުރީ ގޮންޖެހުމުގެ ތެރެއިންނެވެ. އެތައް ރިސްކެއް ނަގައި އެކި ބަދަލުތައް ޓީމަށް ގެންނެސްގެންނެވެ. ކުރިމަތިވި ގޮންޖެހުންތަކާއި ކަޑައްތު ކުރި ރާސްތާއަށް ބަލާ އިރު ސަޕޯޓަރުންނަށް ހިނިތުންވުން ގެނުވުން އެކަށީގެންވެ އެވެ.