ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އިން ސަދަން ޔުޓިލިޓީސް ލިމިޓެޑްގެ 4.9 މިލިއަން ރުފިޔާގެ ކޭބަލް ޕްރޮޖެކްޓު ހުއްޓުވުމަށް ފަހު އަލުން ބިޑަށް ލާން އެންގުމާ ގުޅިގެން، ކުރިން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 1.6 މިލިއަން ރުފިޔާ އަނބުރާ ނުހޯދައި އެ މަސައްކަތް އާ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ޔުޓިލިޓީސްއިން ކުރަމުން އެބަދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އައްޑޫގެ އިންޖީނުގެތަކަށް ކަރަންޓު ކޭބަލްތަކެއް ގަތުމަށް ކުރިން އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ސިމްޑީ އަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 1658767.44ރ. އަނބުރާ ނުހޯދައި، ޔުޓިލިޓީސް އިން ވަނީ އެ ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައި، ޕްރީ ބިޑް މީޓިން ވެސް ބާއްވައިފަ އެވެ.

ސަދަން ޔުޓިލިޓީސްގެ ޗެއާމަން ހަސަން ޒަރީރު އިއްޔެ ވިދާޅުވީ، ސިމްޑީއާ އެކު ކުރިން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން އެ ފައިސާ ހޯދަނީ ވަކި ޕްރޮސެސްއެއްގެ ދަށުން ކަމަށާއި އެކަން އެއްކޮށް ނުނިމޭތީ އަދި ފައިސާ ނުލިބިގެން އުޅެނީ ކަމަށެވެ. ނަމަވެސް، އެ ފައިސާ ހޯދުމަށް ޔުޓިލިޓީސް އިން ގެންދަނީ މަސައްކަތްކުރަމުން ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އެމީހުންގެ ]ސިމްޑީގެ[ ފަރާތަކުން ނޫން ދެއްތޯ އޭތި ]އެއްބަސްވުން[ ޓާމިނޭޓްކުރީ، ސަދަން ޔުޓިލިޓީސް އިން. އެހެންވީމަ ސަދަން ޔުޓިލިޓީސްއިން ޖެހޭނެ ނުންތޯ އެމީހުންނާ ވާހަކަދައްކާ އެއްބަސްވުމަކަށް އަންނަން އެ ފައިސާ ހޯދަން ޖެހޭ ކަންތައްތަކަށް،" ޒަރީރު ވިދާޅުވި އެވެ.

އަދި ފައިސާ ނުލިބިއްޖެ ނަމަ ކޯޓުގައި ދައުވާ ކުރައްވާނެ ކަމަށާއި އެހެންނަމަވެސް، އޭގެ ކުރިން ވާހަކަ ދައްކައިގެން އެކަން ހަމަޖެއްސޭތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ އަނބުރާ ނުހޯދައި އެ މަސައްކަތް އަލުން ބިޑަށްލީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ، އެއީ "މުޅިން ތަފާތު ދެ ޕްރޮޖެކްޓެއް" ކަމަށެވެ. "އެ ޕްރޮޖެކްޓް ހުއްޓާލައިފައި، އަލުން މުޅިން އާ ޕްރޮޖެކްޓަކަށް ކޭބަލް ގަންނަން ޓެންޑާކޮށްފައި ހުރީ"

ޒަރީރު އެހެން ވިދާޅުވި ނަމަވެސް، މިފަހަރު އިއުލާންކޮށްފައި ވަނީ ކުރިން އޭސީސީން ހުއްޓާލަން އެންގި ކޭބަލް ޕްރޮޖެކްޓެވެ. އަދި އެ ޕްރޮޖެކްޓަށް އަނެއްކާ ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ކުރިން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ސިމްޑީ ވެސް ހިމެނެ އެވެ. ނަމަވެސް، ޒަރީރު އެކަން ކަށަވަރުކޮށެއް ނުދެއްވަ އެވެ.

ޒަރީރު ވިދާޅުވަނީ، ސިމްޑީއަށް ދީފައިވާ ފައިސާ ނުލިބުނަސް، ދެން އެ ޕްރޮޖެކްޓް ހަވާލުކުރާ ފަރާތަށް ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ.

"ކުންފުނީގައި ހުންނާނެ ދެއްތޯ ފައިސާ އެކިގޮތްގޮތަށް. ފުރަތަމަ ސިމްޑީއަށް ދިން ފައިސާގެ ނަންބަރު ހޯދައިފައި، އެ ނޫޓު ހޯދައިފައި، އެހެނެއް ނުދެވޭނެއެއްނު އެހެން ބަޔަކަށް. އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނަން. ދެން ދެވަނަ އަށް ކޭބަލް ގަތުމަށް ވެސް މަސައްކަތްކުރިއަށްގެންދާނަން."

ސިމްޑީއަށް ދީފައިވާ ފައިސާ އަނބުރާ ނުލިބެނީ ޓެންޑާގެ މަސައްކަތްކުރިއަށް ދާތީ، އެ ޕްރޮޖެކްޓަށް ކުރިމަތިލައިފައިވާ އެހެން ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.

އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ، ދެ ފަރާތަކުން އެ ޝަކުވާ ސިޓީ ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެއީ އައްޑޫގެ ޕްރޮޖެކްޓަކަށްވީ ނަމަވެސް، ޕްރޮޖެކްޓަށް އިއުލާންކޮށް ޕްރީ ބިޑް މީޓިން ބާއްވައިފައި ވަނީ މާލޭގައި ކަމަށާއި އެކަން އައްޑޫގެ މީހުންނަށް އަންގައިފައިނުވާތީ އެ ޕްރޮޖެކްޓަށް ކުރިމަތިލެވުނީ އައްޑޫގެ ވަރަށް މަދު ކުންފުންޏަކަށް ކަމަށެވެ. އަދި ސިމްޑީއަށް އެޑްވާންސަށް ދީފައިވާ ދައިސާ ނުހޯދައި ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށާއި ސަދަން ޔުޓިލިޓީސްގެ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން "ސުވާލު އުފެދޭ" އެތައް ކަމެއް ހުރުމުން އެ މައްސަލަ އައްޑޫ ސިޓީ ކައުންސިލުން ބަލަމުންދާ ކަމަށެވެ.

އައްޑޫގެ ކޭބަލް ޕްރޮޖްކްޓުގެ މައްސަލަ އޭސީސީއަށް ބަޔަކު ހުށަހެޅީ، އެ ޕްރޮޖެކްޓަށް ބިޑްނުކުރާ ފަރާތަކަށް ޕްރޮޖެކްޓް ދިން ކަމަށް ބުނެ އެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ކުރިމަތިލި ލީނިއާޓެކްއަށް އެ ޕްރޮޖެކްޓް ހަވާލުކުރިކަން ޔުޓިލިޓީސް އިން ކުރިން އިއުލާންކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ސިމްޑީން ނެވެ. އެކަމާ ގުޅިގެން ސިމްޑީންނާއި އަދި ސަދަން ޔުޓިލިޓީސް އިން ވެސް ބުނަނީ، އެ ޕްރޮޖެކްޓް ހަވާލުކުރީ ސިމްޑީއާއި ލީނިއާޓެކާ ދެމެދު ޖޮއިންޓް ވެންޗާ އުސޫލުން އުފައްދައިފައިވާ "ލީނިއާޓެކް ސިމްޑީ ކޮންސޯޓިއަމް" އިން ކަމަށެވެ.