ކެމެރޫން (ނޮވެމްބަރ29):އިއްޔެ އުތުރު ކެމެރޫންގައި ދެ އަންހެނަކު ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތަކުގައި ފަސް މީހަކު މަރާލައިފި އެވެ.

ކެމެރޫންގެ އަސްކަރިއްޔާގެ ކާނަލް ޖެކަބް ކޯޖީ ވިދާޅުވީ ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ފިހާރައެއްގައި ކަމަށެވެ. އެ ހަމަލާގައި ދެ މީހަކު މަރުވިއެވެ.

ދެވަނަ ހަމަލާ ދީފައިވަނީ ކެމެރޫންއާއި ނައިޖީރިއާގެ އުތުރު ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ދަބަންގާ ނަމަކަށް ކިޔާ އަވަށެއްގައި ދިރިއުޅޭ ކެމެރޫންގެ އާއިލާއަކަށެވެ.

އެ ހަމަލާތަކުގައި އިތުރު 12 މީހަކަށް ޒަޚަމް ވުމުގެ ސަބަބުން އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

ހަމަލާ ދިން ދެ މީހުންނަކީ ރެފިއުޖީންގެ ގޮތުގައި ނައިޖީރިއާ އިން ކެމެރޫން އަށް އައިސް ތިބި ދެ ޒުވާން އަންހެން ކުދިން ކަމަށް ކޯޖީ ވިދާޅުވި އެވެ.

އެ ހަމަލާއަކީ ދަބަންގާ އަށް ދިން ފުރަތަމަ ޖާނުން ފިދާވުމުގެ ހަމަލާ އެވެ.

އިއްޔެ ދިން ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަލުން ނަގާފައި ނުވެ އެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އެވެ. މިދިޔަ އަހަރު ތެރޭގައި އެކަނިވެސް ބޯކޯ ހަރާމް އިން ވަނީ ނައިޖީރިޔާގެ 6،600 މީހަކު މަރާލާފަ އެވެ.

މައުލޫމާތު: އޭޕީ