އެމްޑީޕީއިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިއަށް ގެންދާ މުޒާހަރާގައި އެއްވެސް ވަރަކަށް ކުޑަކުދިން ބައިވެރިކޮށްފައިނުވާނެ ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މިއަދު އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ އެޕާޓީގެ މުޒާހަރާތަކުގައި ކުޑަ ކުދިން ބައިވެރިކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވިސް (އެޗްއާރުސީއެމް) ބުނިނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އޭނާ ވިދާޅުވީ އާޓިފިޝަލް ބީޗަކީ ކުޑަ ކުދިން މޫދައްއެރެން ގޮސްއުޅޭތަނެއް ކަމުގައިވުމުން އެ ސަރަހައްދުގައި ކުޑަކުދިން އުޅެނީ ކަމަށެވެ.

"އެޗްއާރުސީއެމް އިން ނެރެފައިވަނީ ވަރަށް ޒިންމާދާރު ކަން ކުޑަ ބަޔާނެއް. އަޅުގަނޑުމެންގެ އިހްތިޖާޖްގައި ކުޑަކުދިން ބައިވެރިއެއް ނުކުރަން. ނަމަވެސް މި ސަރަހައްދަކީ ކުޑަކުދިން މޫދަށް އެރެން އޮންނަ ސަރަހައްދަކަށް ވެފައި ޕޮލޭ ގުރައުންޑެއް އޮތުމުން ކުޑަކުދިން މި ސަރަހައްދަށް އަންނަނީ،" އިންތި ވިދާޅުވިއެވެ.

މިންޖުވާން ނަމުގައި އެމްޑީޕީއިން އިންތިޒާމް ކޮއްގެން ބޭއްވި މުޒާހަރާގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

އިންތި ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގެ ހާލަތު ބަލާލުމެއް ނެތި ފުލުހުން އިއްޔެ އެ ސަރަހައްދަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ގިނަ ކުޑަދިންނަށް ކަރުނަގޭހުގެ އަސަރު ކުރި ކަމަށެވެ.

"ފުލުހުން ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް މި ތަން އެސިސް ކުރުމެއް ނެތި އަދި އޭތި [ކަރުނަ ގޭސް] ބޭނުންކުރުމުގެ އެއްވެސް ސަބަބެއް ނެތި ދެ ކެނިސްޓާ އެއްލާފައި. އެހެން ކަމުން މި ސަރަހައްދަށް ކުޅެ އުޅެން އައިސް އުޅުނު ކުޑަކުދިންނަށް ވަނީ ގެއްލުން ލިބިފައި،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީން މިހެންބުނިނަމަވެސް ހުކުރު ދުވަހު މުޒާހަރާ ފެށިއިރު މަޖީދީމަގާވީފަޅީގައި މުޒާހަރާގެ ބައެއް ވައިވެރިން ކުޑަކުދިން ގޮވައިގެންތިބި މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މިންޖުވާން ނަމުގައި އެމްޑީޕީއިން އިންތިޒާމް ކޮއްގެން ބޭއްވި މުޒާހަރާގެ ތެރެއިން -- ސަންފޮޓޯ/ ޔޫސުފް ސޮއްފާން

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެޕާޓީގެ މުޒާހަރާގައި ކުރި ޑިމާންޑްތައް ސަރުކާރަށް ފެކްސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޑިމާންޑުތައް މިއަދާ ހަމައަށް ވެސް ފުރިހަމަ ކޮށްފައިނުވާތީ އެ އިހްތިޖާޖު ދިގު ދެއްމުގެ މަޝްވަރާތައް އެ ޕާޓީން ކުރަމުން އަންނަ ކަމަށެވެ.

އެމްޑިޕީން ސަރުކާރަށް ކުރި މައިގަނޑު ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިތުރުން ފުލުހުން ހައްޔަރު ކޮށް ފައިވާ ސިޔާސީ މީހުން ދޫކޮށްލައި އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމުގެ އިތުރުން ސިޔާސީ ޕާޓީ ތަކާއެކު ސަރުކާރުން މަޝްވަރާ ކުރުމެވެ.

އެމްޑީޕީގެ އެންމެ ބޮޑު ޑިމާންޑު ކަމަށްވާ ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލެވޭނީ ފަޑިޔާރަކު ސިފައިން ލައްވާ ވަގަށް ނަގައިގެން މިލިޓަރީ ޓްރެއިނިން ކޭމްޕެއްގައި 22 ދުވަހު ބެހެއްޓުމަކީ ހުއްދަކަމެއް ކަމަށް ޝަރުއީ ކޯޓަކުން ނިންމުން ކަމަށެވެ. އެނޫން އެއްވެސް ހާލަތެއްގައި މި ސަރުކާރުން ރައީސް ނަޝީދު ދޫކޮށް ނުލާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ އެމްޑީޕީން ސަރުކާރަށް ހުށަހަޅާފައި ވަނީ ގާނޫނީ އިމުން ބޭރުން ކަންތައްތަކެއް ކުރުމަށް ކަމަށާއި އެހެން ކަމުން އެކަމަށް ސަރުކާރުން އިޖާބަ ނުދޭނެ ކަމަށެވެ.