"މިންޖުވާން" މިނަމުގައި އިއްޔެ ހަވީރު އެމްޑީޕީން ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި 13 މީހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ އެންމެން ދޫކޮށްލީ މިއަދު ކަމަށެވެ.

އިސްމާއީލް ވިދާޅުވީ އެމީހުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ 13 މީހުން ހައްޔަރުކުރީ އާޓިފިޝަލް ބީޗުގައި ތިބެ މުޒާހަރާ ކުރަން ފުލުހުން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް މަގުމައްޗަށް ނުކުމެ މަގުތައް ހަލަބޮލި ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެ ހަވީރު ހައްޔަރުކުރި އެންމެން ދޫކޮށްލިނަމަވެސް ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހީމް އަދިވެސް ހުރީ ހައްޔަރުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ހަވީރު ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި އެމްޑީޕީގެ މީޑިއާ ކޮމެޓީގެ މެމްބަރު މުހައްމަދު ވަހީދު ވެސް ހިމެނެއެވެ.