29 Nov 2015, 14:09
މޮސްކޯ (ނޮވްމެބަރު29):ރަޝީއާގެ ހަނގުރާމަވެރި ބޯޓެއް ވައްޓާލުމާ ގުޅިގެން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.
އެގަރާރުގައި ވާގޮތުން ރަޝިޔާ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް ތުރުކީއަށް ދިޔުމާއި، ރަޝިއާއިން ތުރުކީ އަށް ޗާޓާޑް ފްލައިޓުތައް ދިޔުމަކީ މަނާކަމެކެވެ. އަދި ރަޝިއާގައި ހިންގާ ތުރުކީގެ ވިޔަފާރިތަކާއި، އެގައުމުގައި ތުރުކީ ރައްޔިތުން ހިންގާ ވިޔަފާރިތައް ހުއްޓުވާނެކަމަށް އެ ގަރާރުގައިވެ އެވެ. މީގެ އިތުރުން ތުރުކީއިން ރަޝިއާ އަށް މުދާ އެތެރެ ކުރުން ވެސް މަނާކޮށްފައިވެ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ހާދިސާއާ ގުޅިގެން ރަޝިއާގެ ފަރާތުން މާފަށް އެދުމަށް އިންކާރު ކުރައްވާފަ އެވެ. އުރުދުޣާން ވިދާޅުވީ ރަޝިއާގެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުން އެ ބޯޓު ވައްޓާލުމުގެ ފުރިހަމަ ހައްގު ތުރުކީ އަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އިއްޔެ އުރުދުޣާން ވަނީ ހާދިސާ ހިނގައިދިޔަ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރަޝިއާ އިން ވަނީ އެގައުމުގެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުރުކީ އަސްކަރިއްޔާ އިން ބުނާބުނުން ދޮގު ކޮށްފަ އެވެ. އެ ހާދިސާގައި ސަލާމަތްވި ރަޝިޔާގެ ޕައިލަޓުވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.
މައުލޫމާތު: ރޮއިޓާސް