29 Nov 2015, 13:11
ބެއިޖިން (ނޮވެމްބަރ29) : ޗައިނާގެ ބެއިޖިންގެ ވައިގެ ނުސާފުކަން ހުންނަންވާ މިންގަނޑަށް ވުރެ 15 ގުނަ އިތުރު ވުމުގެ ސަބަބުން ވެރިރަށުގެ ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށް ޗައިނާގެ މިނިސްޓްރީ އޮފް އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަނުން އިލްތިމާޒް ކޮށްފި އެވެ.
ބެއިޖިން އާއި ހިނާން ޕްރޮވިންސުގެ އުތުރުގެ ވައި އަންގާރަ ދުވާހާ ހަމައަށް ވަރަށް ނުސާފު ވާނެ ކަމަށް ޗައިނާގެ ތިމާވެށީގެ ރައްކާތެރިކަމާ ބެހޭ ވުޒާރާ އިން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ފަހުން ޗައިނާގެ އުތުރުން އަންނަ ގަދަ ވައިގެ ސަބަބުން ޖައްވު ތަޢައްޔަރު ކުރާ ގޭސްތައް ކޮންމެވެސް ވަރަކަށް ސާފު ވާނެ ކަމަށް ބެލެވެ އެވެ. އެހެން ކަމުން އަންގާރަ ދުވަހާއި ހަމައަށް ގެއިން ބޭރަށް ނުގޮސް ތިބުމަށް އެ މިނިސްޓްރީ އިން އެދިފަ އެވެ.

ބެއިޖިންގެ ވައި ނުސާފު ވުމުގެ ސަބަބުން ދުރު ފެނުން ވަނީ އުނދަގޫވެފައި -- ފޮޓޯ: ޓުވިޓާ
ހޮނިހިރު ދުވަހު ޗައިނާގައި ހުންނަ ޔޫއެސް އެމްބަސީ އިން ރިޕޯޓް ކުރި ގޮތުގައި ވިހަ ޕާޓިކަލްއެއް ކަމަށްވާ ޕީއެމް2.5 ބެއިޖިންގެ ޖައްވުގައި ހުރީ 391 މައިކްރޯގްރާމްސް ޕާ ކިއުބިކް މީޓާގަ އެވެ. އެ ޕާޓިކަލް ހުންނަން ޖެހޭ މިންވަރަކީ 25 މައިކްރޯގްރާމްސް ޕާ ކިއުބިކް މީޓާ އެވެ.
ބެއިޖިންގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގައުމުގެ ވައި އެހާވަރަށް ނުސާފު ވެފައި ވަނީ ފިނިމޫސުމާއި ދިމާކޮށް ގެތަށް ހޫނުކުރުމަށްޓަކައި "ކޯލް" އަންދާ މިންވަރު އިތުރު ވުމުންނެވެ. ކޯލް އެންދުމުން ޖައްވަށް ގިނަ އަދަދެއްގެ ނުރައްކާތެރި ގޭސްތައް ބޭރުވެ އެވެ.
ޗައިނާގެ ޖައްވު ސާފު ކުރުމުގެ ގޮތުން އެގައުމުގެ ތިމާވެށީގެ ރައްކާތެރިކަމާ ބެހޭ ވުޒާރާ އިން ވަނީ ގިނަ ކާރުހާނާތައް ބަންދުކޮށް، އިންޖީނުލީ އުޅަނދު ދުއްވުން މަދުކޮށްފަ އެވެ.
ޗައިނާ އަކީ ދުނިޔެ ހޫނުވުމަށް މަގުފަހިކޮށްދޭ ގްރީންހައުސް ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ގައުމެވެ.
މައުލޫމާތު: ގާޑިއަން