07 Apr 2011, 10:39
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ [ޖައިކާ] އިން ހެދި އަށް ރަށެއްގެ ބަނދަރު މަޝްރޫއާއި ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމައި އިއްޔެ ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
ބަނދަރު ހެދުމާއި ނަރުދަމާ ހެދުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރު ފަހު 3.30ގައި ދަރުބާރުގޭ ހިރިޔާ މާލަމްގަ އެވެ. ސުނާމީ ހާދިސާގައި ހަލާކުވި އަށް ބަނދަރު އަލުން ހެދުމާއި އެ ހާދިސާގައި ފެން ތަޣައްޔަރުވެފައިވާ ތިން ރަށެއްގެ ނަރުދަމާ ނިޒާމު ހެދުމުގެ މަސައްކަތް ޖައިކާ އިން ފެށީ 2009 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އަދި އެ މަސައްކަތްތައް ނިމިފައި ވަނީ މިދިޔަ މާޗް މަހު އެވެ.
ޖައިކާގެ ހިލޭ އެހީގެ ދަށުން ބަނދަރު ހެދި ނުވަތަ މަރާމާތު ކުރި އަށް ރަށަކީ ށ. ފުނަދު، ތ. ދިޔަމިގިލި، ލ. އިސްދޫ، ލ. ފޮނަދޫ، ގއ. ދާންދޫ އަދި މާލެ އެވެ.
މާލޭގައި އެ ޖަމާއަތުން ކުރި މަސައްކަތަކީ ސުނާމީގެ ސަބަބުން ހަލާކުވެފައިވާ އެއްގަމު ތޮށްޓެއް މަރާމާތުކުރުމެވެ. އެ މަސައްކަތްތައް ކޮންޓްރެޓް އުސޫލުން ކޮށްފައި ވަނީ ޑެންމާކްގެ ކުންފުންޏެއް ކަމަށްވާ އެމްޓީ ހޯގާޑުންނެވެ.
ޖައިކާގެ އެހީގައި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ވަނީ ބ. އޭދަފުށްޓާއި ށ. ފުނަދޫ އަދި މ. މުލީގަ އެވެ.
ބަނދަރުތަކާއި ނަރުދަމާގެ މަސައްކަތް ނިންމައި ދިވެހިސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޖައިކާ ކޮލަމްބޯ ޗީފް ރެޕްރެޒެންޓިވް އަކީރާ ޝިމޯރާއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމު އަދި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކުނިއޯ ޓަކަހާޝީ ބައިވެރިވެވަޑައިގެންނެވި އެވެ.