މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މުދާބޭލުމަށް ބޭނުންކުރާ ވެހިކަލަކުތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން މުދާ ބޭލުމަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ބައެއް ވިޔަފާރިވެރިން މިއަދު ސަން އަށް ވިދާޅުވީ އެ ފަރާތްތަކުގެ މުދާތައް ނުބޭލި ތިން ދުވަސްވަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނިން މުދާ ބޭލުމަށް ބޭނުންކުރާ "ރީޗް ސްޓެކާ"ގެ ދެ ވެހިކަލަކަށް އެކުއެކުގައި މައްސަލަ ޖެހުމުން މުދާ ބޭލުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިކްއިޕްމެންޓަކާއި ރިޕްލޭސްމަންޓާއި ކައިރި ވެފައިވާ އިކުއިޕްމެންޓްސް، އެއެއްޗެހިތަކަށް ދޭތެރެއަކުން މައްސަލަ ދިމާވޭ، ކަންދިމާވި ގޮތުން ދެ އެއްޗަށް އެއް ފަހަރާ މައްސަލަ ދިމާވީ." ޝަރީފް ވިދާޅުވި އެވެ.

އެވެހިކަލްތައް ހެދުމަށް ފަހު މިއަދު 1:00 ޖަހާއިރުން ފެށިގެން އަލުން މުދާ ބޭލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ވެހިކަލްތަކަށް މައްސަލަ ކުރިމަތިވި ނަމަވެސް ކޮންޓެއިނާ ހުސް ނުކުރެވި ފުނިޖެހިގެން މާކަ ބޮޑު މައްސަލައެއް ކުރިމަތި ނުވާ ކަމަށެވެ.

އެމްޕީއެލް އިން ކޮންޓެއިނާ ބޭލުމަށް ބޭނުންކުރާ ވެހިކަލްތަކަށް މައްސަލަތައް ކުރިމަތިވެ މުދާ ބޭލުމަށް ދޭތެރެދޭތެރެއިން ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ.

ބަނދަރުގައި އޮތް ކޮންޓޭނާ ބޯޓެއްގައި ކޮންނޭނާތައް ނުބޭލިފައި --

ސަން އާ ވާހަކަ ދެއްކެވި ވިޔަފާރިވެރިޔަކު ވިދާޅުވީ ކޮންޓޭނާ ނުބޭލި ބޯޓު އޮންނަތާ ތިން ދުވަސް ވަރުވެފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން ބޮޑު ގެއްލުންތަކެއް ވުމުގެ އިތުރަށް ޖެނުއަރީގައި ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ރިސޯޓް ވެސް މުއްދުތަގައި ހުޅުވޭނެ ކަމުގެ ޔަގީން ކަމެއް މިހާރަކު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓް ތެރޭގައި ތެޔޮއެޅި ތަޣައްޔަރުވެ، އަދި އެތަންތަން ރަނގަޅަށް ސާފުކޮށްފައި ނުހުންނާތީ ވެސް އެ ތަނުގެ ތެރޭގައި ފޯކްލިފްޓް ފަދަ ވެހިކަލްތައް ދުއްވައި މުދާތައް ކަމާލު ކުރުމަށް ވެސް އުނދަގޫތަކާ ދިމާވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.