29 Nov 2015, 11:55
މޯލްޓާ (ނޮވެމްބަރު29) : ރާއްޖޭގެ ސަރުކާރުން ކުރަމުން ދަނީ "ބަލައިނުގަނެވޭ" އަމަލުތައް ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތު ސަމިޓުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކެމެރަން ވިދާޅުވީ ކޮމަންވެލްތުގެ ގައުމުއްގެ ގޮތުގައި ރާއްޖެ އޮވެ، ރާއްޖެ އިން ކުރާ ގަވާއިދާ ޙިލާފު ކަންތައްތަކުގެ ޒިންމާ ރާއްޖެ އިން ނަގައިތޯ ކޮމަންވެލްތުން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ ސަރުކާރުން މިހާރު ކުރަމުންދާ "ބަލައިނުގަނެވޭ" އަމަލުތަކާ ގުޅިގެން ކޮމަންވެލްތުގެ މެމްބަރުން ރައްޖެ އަށް "ވަރުގަދަ މެސެޖެއް" ފޮނުވަން ޖެހޭ ކަމަށް ކެމެރަން ވިދާޅުވި އެވެ.
"ރާއްޖޭގައި [ސިޔާސީ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން] ސިޔާސީ ފަރާތްތަކުން ވާހަދައްކައި، ސިޔާސީ ސަބަބުތަކަށް ޓަކައި ބަންދުކޮށްފައި ތިބި މީހުން މިނިވަން ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ރާއްޖެ އަށް ވަރުގަދަ މެސެޖެއް ފޮނުވުމަށް ކޮމަންވެލްތުގެ ގައުމުތަކަށް ގޮވާލަން. އެ ގައުމުގައި މިހާރު ކުރިއަށް ދަނީ ބަލައިނުގަނެވޭ ކަންތައްތައް،" ކޮމަންވެލްތު ހެޑްސް އޮފް ގަވާމެންޓް މީޓިންގައި ވާހަކަފުޅު ދައްކަވަމުން ކެމެރަން ވިދާޅުވި އެވެ.
މީގެ އިތުރުން ކެމެރަން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކޮމަންވެލްތުން ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
ކޮމަންވެލްތު ސަމިޓް ދެން ބާއްވާނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގަ އެވެ.