29 Nov 2015, 10:44
ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން ގޮވާލައިފި އެވެ.
އެކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ ސަބަބުން ކުޑަކުދިންނަށް ތަފާތު އެކިވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުންދާތީ އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް އެކޮމިޝަނުން ވަނީ ހޮވާލައިފަ އެވެ.
"މިފަދަ ހަރަކާތްތަކުގައި ކުދިން ބައިވެރިނުކުރުމަށް ބެލެނިވެރިންނަށާއި ސިޔާސީ ޕާޓީތަކަށާއި އަދި އާންމުކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައި ނަސޭހަތްތެރިވަން." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގައި ކުޑަކުދިންނަށް ގެއްލުމެއްވާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ އިރު މައިންބަފައިން ކުޑަކުދިން ގޮވައިގެން ގޮސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ އިރު އެ ހަރަކާތްތައް ސުލްހަވެރިކަމުގެ އިމުން ބޭތުވެ ހިނގާ ކަންކަމާ ގުޅިގެން ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކާމެދު ކަންބޮޑުވާ ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރޮކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް އެޗްއާރުސީއެމް އިން ވަނީ ގޮވާލައިފަ އެވެ.
ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރާ ބެލެނިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.