29 Nov 2015, 01:49
މުޒާހަރާގެ ބައިވެރިން މަގުމައްޗަށް މިރޭ ނުކުތީ 12 ޖަހަން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. މަޖީދީމަގުން ކުރިއަށް ހިނގައިގަތް އިރު 12 ޖެހީ އެވެ. އިންޒާރު ދެމުން މުޒާހަރާ ރޫޅާލަން މަސައްކަތް ފެށިތާ 30 މިނިޓް ނުވަނީސް މުޒާހަރާ ބައިބައިވި އެވެ.
މިއަދު ހަވީރު މުޒާހަރާ ރޫޅާލުމުން، މުޒާހަރާގެ ބައިވެރިން އަލުން އާޓްފިޝަލް ބީޗަށް އެއްވެ، އެމްޑީޕީން ހަދާފައިވާ މައިދާނުގައި އަޑު އުފުލަން ފެށީ މިރޭ ނުވައެއް ޖެހި ފަހުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއެކު މަގުމައްޗަށް ނުކުން އިރު މުޒާހަރާގައި އޭރު ފުދޭ ވަރަކަށް މީހުން ތިއްބެވެ.
މުޒާހަރާ ފުލުހުން ރޫޅާލަން މަސައްކަތް ފެށީ އެ ހިސާބުންނެވެ. މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެ، އެންމެ ފުރަތަމަ މަސައްކަތް ކުރީ މަޖީދީމަގުން ހުޅަނގަށް ދިއުމަށެވެ. މުޒާހަރާގެ ބައިވެރިންނަށް މަޖީދީމަގުން ކުރިއަށް ނުދެވުނީ އުރީދޫ އޮފީހާ ހިސާބުން ރަޔަޓް ފުލުހުން ވަނީ ޝިލްޑުތަކާއެކު މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އަދި ފުލުހުން އިންޒާރު ދިނީ އެ ސަރަހައްދު ދޫކޮށް ދިއުމަށާއި ބާރު ބޭނުން ކުރުމުން ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށެވެ.
"މިންޖުވާން" މި ނަމުގައި އެމްޑީޕީން ކުރާ މުޒާހަރާގެ ދެވަނަ ރޭ ---- ސަން ފޮޓޯ: އަލީ ނަސީރު
އިންޒާރުތަކަށް ފަރުވާލެއް ނެތި، މުޒާހަރާގެ ބައިވެރިން ދެން މަސަައްކަތް ފެށީ އެހެން މަގުތަކަށް މިސްރާބު ބަދަލުކޮށްލުމަށެވެ. ބޮޑުތަކުރުފާނު މަގުން އުތުރަށް ގޮސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިއަށް މުޒަހަރާގެ ބައިވެރިންނަށް ނުދެވެނީސް ފުލުހުން ވަނީ ބެރިކޭޑު ޖަހައި ކުރިއަށް ނުދެވޭ ގޮތް ހަދާފަ އެވެ. ފުލުހުންގެ ހުރަސްތަކާ ގުޅިގެން އާޓްފިޝަލް ބީޗު ސަރަހައްދާ ގުޅިފައިވާ މަގުތަކުން މާލެގެ ތެރެއަށް އަރައި ނުގަނެވި މުޒާހަރާ ބައިބައިވާން ފެށި އެވެ.
މުޒަހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ދެން މިސްރާބު ބަދަލުކޮށްލީ ބޮޑުތަކުރާނު މަގުން ރާޅުގަނޑު ސަރަހައްދާ ދިމާލަށް ދިއުމަށެވެ. ނަމަވެސް އެ ހިސާބަށް ނުދެވެނީސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އާޓްފިޝަލް ބީޗު ސަރަހައްދާ ގުޅިފައިވާ މަގުތައް ފުލުހުން ބަންދު ކުރުމުން، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު އާޓްފިޝަލް ބީޗުގައި އެމްޑީޕީން ހަދާފައިވާ މައިދާނަށް ދިއުމުން ފުލުހުން ވަނީ ޝިލްޑުތަކާއެކު ނުކުމެ، އެ މީހުން އެތަނުން ވެސް ދުރަށް ޖައްސާފަ އެވެ. އޭރު މުޒާހަރާގައި ތިބީ މަދު ބައެކެވެ.

"މިންޖުވާން" މި ނަމުގައި އެމްޑީޕީން ކުރާ މުޒާހަރާގެ ދެވަނަ ރޭ ---- ސަން ފޮޓޯ: ހުސައިން ހަސަން
މެންދަމު 12:30 ވީއިރު، އާޓްފިޝަލް ބީޗުގައި އަޑު އުފުލާނެ އެކަކު ވެސް ނެތެވެ. ނަމަވެސް އެމްޑީޕީން ހަދާފައިވާ މައިދާނުގައި ދެތިން މީހުން ތިއްބެވެ. މުޒަހަރާގެ ބައިވެރިންގެ ހިލަމެއް ނެތް ކަހަލަ އެވެ. ކަންކަންމަތީގައި ބަޔަކު ތިއްބަސް، އަޑު އުފައި އިސްނަގާނެ މީހަކު ނެތެވެ.
މަގުތަކުގައި ތިބީ މުޒާހަރާ ކަވަރު ކުރަން ގޮސް ތިބި ނޫސްވެރިންނެވެ. ދެން ތިބީ ފުލުހުންނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުޒާހަރާ މޮނީޓަރުންނެވެ.
ތިން ދުވަހަށް ކުރިއަށް ގެންދަން ހުކުރު ދުވަހު ހަވީރު ފެށި މުޒާހަރާ އަދިވެސް ނުނިންމާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އަނެއްކާވެސް އެއްވާން ގޮވާލުމުން އާޓްފިޝަލް ބީޗަށް އައުމަށް އެ ޕާޓީން ދަނީ ގޮވާލަމުންނެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ "މިންޖުވާން" ނުކުތީ ސަރުކާރަށް އުފުލާފައިވާ ތިން ޑިމާންޑަށް އަމަލުކޮށް، ޕާޓީގެ އާންމު މެމްބަރުންނާއި އެމްޑީޕީއަށް ބައިޔަތު ހިފާފައިވާ ފަރާތްތަކުގެ ހިތަށް ފިނިކަން ގެނައުމެވެ.
މުޒާހަރާއަށް ދެ ދުވަސްވީއިރު، އެ ޑިމާންޑުތައް މާލެ ތެރެއަށް އަޑު އިއްވަން ފުލުހުން ޖާގައެއް ނުދެ އެވެ. ފުލުހުންގެ ހަރަކާތްތަކުން ބުނަނީ އެ ޑިމާންޑުތައް އާޓްފިޝަލް ބީޗު ސަރަހައްދުން ފިޔަވައި އެހެންތަނަކަށް ނުގެންދެވޭނެ އެވެ.
"މިންޖުވާން" މި ނަމުގައި އެމްޑީޕީން ކުރާ މުޒާހަރާގެ ދެވަނަ ރޭ ---- ސަން ފޮޓޯ: އަލީ ނަސީރު