29 Nov 2015, 00:13
ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރާ ބެލެނިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ކުޑަކުދިން ގޮވައިގެން މުޒާހަރާކުރުމާއި ކުޑަކުދިން މުޒާހަރާތަކުގައި ބައިވެރިކުރުން އެއީ ކުޑަކުދިންގެ ހއްގުތަކާ ބެހޭ ގާނޫނުގެ ދަށުން މުޅިން މަނާކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ ބެލެނިވެރިން ކުޑަކުދިން މުޒާހަރާގައި ބޭނުން ކުރަނީ "ހިއުމަން ޝީލްޑެއް" ގެ ގޮތުގައި ކަމަށެވެ.
"މިމައްސަލަ އަޅުގަނޑުމެން ބަލާނަން. ކޮންކޮން މައިބަފައިނެއްތޯ ކުޑަކުދިން ނިވާފަތްގަނޑެއްގެ ގޮތުގައި މި ބޭނުންކުރަނީ ސިޔާސީ ބޭނުންތަކަށް. ބަލާ އެމައިންބަފައިންނާ ދޭތެރޭ ފިޔަވަޅު އަޅާނަން،" އުމަރު ވިދާޅުވި އެވެ.
މުޒާހަރާތަކަށް ކުޑަކުދިން ގޮވައިގެންދާ ބެލެނިވެރިންގެ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މައްސަލަ ބަލައި ވީހާވެސް އަވަހަށް ޖެންޑާ މިނިސްޓްރީއަށް ފޮނުވުމަށް އުމަރު ވަނީ ފުލުހުންނަށް އަންގާފަ އެވެ.
އެމްޑީޕީ އަދި އެނޫންވެސް ޕާޓީއަކަށް ވެސް ކުޑަކުދިން ބޭނުންކޮށްގެން ރާއްޖޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"މިއައްނަ ހަފްތާގައި ފިޔަވަޅުއަޅާ މަންޒަރު ތިބޭފުޅުންނަށް ފެންނާނެ،" އުމަރު ވިދާޅުވި އެވެ.
ކުޑަކުދިން މުޒާހަރާގައި ބައިވެރި ކުރާކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަކުން ގުޅިގެން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ ސަބަބުން އެ ކުދިންނަށް އެކި ވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުންދާތީ ކަންބޮޑުވާ ކަމަށެވެ.