ޓްރިޕޮލީ : ލީބިޔާއާ ދެކޮޅަށް ނޭޓޯއިން ހިންގާ ޢަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް އެދި ލީބިޔާގެ ޒަޢީމް މުޢައްމަރުލް ގައްޒާފީ އެެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އިލްތިމާސް ކުރައްވައިފިއެވެ.

މިކަމަށްއެދި ގައްޒާފީ އިލްތިމާސް ކުރެއްވީ އޮބާމާއަށް ފޮނުއްވި 3 ސަފްޙާގެ ސިޓީއެއްގައެވެ. މިސިޓީގައި ނޭޓޯއިން ގައްޒާފީގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ނޭޓޯ ހިންގާ ޢަސްކަރީ އޮޕަރޭޝަނަކީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނީ ހަނގުރާމައެއް ކަމަށް ސިފަކުރައްވައި މިހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފައިވެއެވެ.

މިސިޓީ ދެކެވަޑައިގެންނެވި އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މިސިޓީގެ ޖަވާބުގައި އޮބާމާ ގައްޒާފީގެ ކިބައިން އެދިވަޑައިގެންފައިވަނީ ވެރިކަން ޙިމާޔަތް ކުރުމަށްޓަކައި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށެވެ. އަދި ގައްޒާފީގެ ކިބައިން އެމެރިކާ އެދެނީ ގައްޒާފީ ޢަމަލީގޮތުން މިކަން ދެއްކެވުން ކަމަށާއި އޮބާމާގެ މި މެސެޖް، ގައްޒާފީއަށް މިހާރު އަންގަވައިފި ކަމަށްވެސް އެމެިރކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އަނެއްކޮޅުން ސުލްޙަވެރިކަމާއެކު ލީބިޔާގެ ޒަޢާމަތުން ގައްޒާފީއާއި އޭނާގެ ޢާއިލާ ދުރުކުރުމާބެހޭ ގޮތުން ގައްޒާފީއާ މަޝްވަރާ ކުރުމަށްޓަކައި އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ވަނީ ޓްރިޕޮލީއަށް ވަޑައިގެންފައެވެ. ކޮންގްރެސްގެ މިމަސްއޫލުވެރިޔާ މަސައްކަތް ކުރައްވަނީ ގައްޒާފީއާއި އޭނާގެ ޢާއިލާއާއި ލީބިޔާގެ އިސްމަސްއޫލުވެރިންނަށް ޙިމާޔަތް ލިބޭގޮތަށް ލިބިޔާގެ ވެރިކަމުން ގައްޒާފީ ދުރުވެ ވަޑައިގަތުމުގެ ހުށަހެޅުމަކަށް ގައްޒާފީގެ އެއްބާރުލުން ލިބޭނެގޮތެއްވޭތޯ ބެލުމަށް ކަމަށް ޚަބަރުލިބެ އެވެ.

ގައްޒާފީ ވެރިކަމުގައި ހުންނަވާ ގޮތަށް ލީބިޔާއަށް ދިމުޤްރާތީ އިސްލާޙް ތައް ގެނައުމަށް ގޮވާލައި ގައްޒާފީގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަކަށް ލިބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުންވަނީ ދެކޮޅު ހަދާފައެވެ. (އެސޯސިއޭޓޭޑް ޕްރެސް)