28 Nov 2015, 17:04
ތިން ދުވަހަށް ކުރިއަށް ގެންދަން ފެށި "މިންޖުވާން" މުޒާހަރާގައި މިއަދު ވެސް މިސްރާބު ޖެހީ މަގުމައްޗަށް ނުކުންނާށެވެ. އާޓްފިޝަލް ބީޗުގައި ތިބެ މީހުން އެއްކޮށްގެން މަގުމައްޗަށް ނުކުންތަނުން ރަޔަޓް ފުލުހުން ވަނީ ނުކުމެ، އެ މީހުން ހުއްޓުވައި، އެއްވުން ރޫލާލަން މަސައަކަތް ފަށާފަ އެވެ.
އިހްތިޖާޖު ކުރުމުގެ ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުން ކުރިއަށް ދިޔުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން މަޖީދީމަގުން ނުދެވޭގޮތަށް މަގު ބަންދުކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ އަނެއްކާވެސް އާޓިފިޝަލް ބީޗަށް ގޮސްފައެވެ.
މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުގައި ތިއްބައި ފުލުހުން ވަނީ އާޓިފިޝަލް ބީޗުގެ ދެ ސަރަހައްދަކަށް ކަރުނަގޭސް ޖަހައިފައެވެ.
ކަރުނަގޭސް ޖެހިއިރު ހިތްފަސޭހަކޮށްލުމަށްޓަކައި އެ ސަރަހައްދަށް ކުޑަކުދިން ގޮވައިގެން ބެލެނިވެރިސް ވެސް ގޮސް ތިއްބެވެ. ކަރުނަގޭހުގެ އަސަރު ކުޑަކުދިންނަށް ވެސް ކުރިއެވެ. އާޓްފިޝަލް ބީޗަށް މޫދަށް އެރި ތިބި މީހުންނަށް ކަރުނަގޭހުގެ އަސަރުކޮށްގެން ބައެއް މީހުން އެ ސަރަހައްދުން ދުރަށް ވެސް ދިޔަ އެވެ.
އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެެރިން ބުނީ ފުލުހުން އާޓިފިޝަލް ބީޗަށް ކަރުނަގޭސް ޖަހާފައި ވަނީ އެ ސަރަހައްދުން މީހުން ދުރަށް ޖަހައި، މީހުން ބައިބައިކޮށްލުމަށް ކަމަށެވެ.
ކަރުނަގޭހުގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ޖަހައިފައެވެ.
ކަރުނަގޭސް ޖެހުމާ އެކު މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދު ދޫކޮށް މާލޭގެ އެކި މަގުތަކަށް މިސްރާބު ބަދަލުކޮށްފަ އެވެ.
މިއަދުގެ މުޒާހަރާގައި ފުލުހުން ވަނީ ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި އެމްޑީޕީގެ މީޑިއާ ކޮމެޓީގެ މެމްބަރު މުހައްމަދު ވަހީދުވެސް ހިމެނެއެވެ.
"މިންޖުވާން" މިނަމުގައި އެމްޑީޕީން އިއްޔެ ހަވީރު ފެށި މުޒާހަރާ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔުމަށްފަހު ރޭ 9:00 އެހައިކަންހާއިރު މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތެވެ.
މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެފައި ވަނީ މުޒާހަރާ ކުރަން އާޓިފިޝަލް ބީޗު ފިޔަވައި އެހެން ސަރަހައްދަކަށް ނުދިޔުމަށް ފުލުހުން އަންގާފައި ވަނިކޮށެވެ. އަދި 12 އަށް މުޒާހަރާ ނިންމާލުމަށް އަންގާފައި ވަނިކޮށެވެ.
މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތުމުން، ސުލްހަވެރި މުޒާހަރާއެއްގެ ނޫން ކަމަށް ނިންމައި، ފުލުހުން ވަނީ މުޒަހަރާ ރޫޅާލާފަ އެވެ. ރޭ 12 ޖެހުމުގެ ކުރިން އާޓްފިޝަލް ބީޗުން މުޒާހަރާގެ ބައިވެރިން ވަނީ ފައްސާލާފަ އެވެ.