22 Apr 2010, 11:34
10:00
ނ. މާފަރުން މާލެ އަށް ދަތުރުކުރި އުފުލި ބަންޑުންޖަހާލުމުން ކަނޑުވެގެން މަރުވި ދެ މީހުން ރޭ މާލެ ގެނެސް ވަޅުލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ އެ އުފުލި ބަންޑުން ޖަހާލައިގެން ކަނޑުވެގެން މަރުވި، ލ. ދަނބިދޫ، ކުޑަދަހަރާގޭ އިބްރާހިމް ރަމީޒާއި ޅ. ހިންނަވަރު، ޑްރިންކްގޭ އިބްރާހިމް މުޙައްމަދުގެ ހަށިގަނޑު މާލެ ގެނައީ ރޭ އަށެއް ޖަހާކަންހާއިރު ކަމަށާއި އެދެމީހުން ވަޅުލާފައި ވަނީ އާއިލާގެ ބެލުމުގެ ދަށުން ރޭ ދަންވަރު 12 ޖަހާކަންހާއިރު ކަމަށެވެ. އަދި އެދެމީހުންގެ ހަށިގަނޑުގެ ބޭރުންވެސް މާބޮޑެތި އަނިޔާތަކެއް ފެންނަން ނެތް ނަމަވެސް ކޮންމެވެސް ވަރަކަށް ހަށިގަނޑު ފޯވެ، ކުދިކުދި އަނިޔާތައް ހަށިގަނޑަށް ލިބިފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އާ ސަހަރާގައި ރޭ އެދެމީހުން ވަޅުލުމުގެ މަސައްކަތްތައް ކުރަމުން ދިޔައިރު ދެ މީހުންގެ އާއިލާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އާ ސަހަރާއަށް ޒިޔާރަތްކޮށްފަ އެވެ.
މާފަރުން ފުރައިގެން ހަތް މީހުންނާއެކު މާލެ އައުމަށް ދަތުރުކުރަމުން ދިޔަ އެ އުފުލި ބަންޑުން ޖަހާލާފައި ވަނީ މާފަރާއި ނ. މަނަދޫއާ ދޭތެރޭގައި އޮންނަ ތިލައަކަށް އަރައިގެން އެ އުފުލީގެ އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދިޔަވެގެން ގޮސް އެ އުފުލީގައި ހުރި ދެ އެކްސްކަވޭޓަރާއި ޓްރެކްޓަރެއް އަރިއަޅާލައިގެންނެވެ.