ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒަމާގެ ފަލަމަސް ގަނޑަށް އަނިޔާވެ އޭނާ ތިން ހަފުތާއަށް ކުޅުމާ ދުރަން ދާން ޖެހުމަކީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންއަށް އުފުލަން އުނދަގޫ ކަމަކަށްވާނެ އެވެ. އެއީ މިވަގުތު ވެސް ރެއާލްގެ މުހިންމު ތިން ކުޅުންތެރިޔަކަށް އަނިޔާވެފައިވުމެވެ. ރެއާލްގެ ވިންގާ ވޭލްސްގެ ގެރެތު ބޭލްގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއިން އަދިވެސް އޭނާ ރިކަވާ ނުވެ އެވެ. ދިފާއީ ކުޅުންތެރިން ކަމުގައިވާ މާސެލޯ އާއި ޕެޕޭއަށްވެސް ވަނީ އަނިޔާވެފަ އެވެ.

ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުގެ ސަބަބުން ބެންޒަމާއަށް ކުޅެވުނީ އެ މެޗުގެ ފުރަތަމަ 45 މިނެޓް އެކަންޏެވެ. އަނެއް ކަމަކީ ބެންޒަމާއަށް ކައިރި ކައިރީގައި އަނިޔާވުމެވެ. މިދިޔަ މަހު މަލާގާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބެންޒަމާގެ އުކުޅުވަޅަށް އަނިޔާވެ އޭނާއަށް އެ މެޗްގައި ވެސް ކުޅެވޭ ގޮތް ނުވި އެވެ. ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުން އޭނާއަށް ކުޅެވުނީ މެޗުގެ ފުރަތަމަ 45 މިނެޓް އެކަންޏެވެ.

ބެންޒަމާގެ އަނިޔާއިން ރިކަވާ ވުމަށް ތިން ހަފުތާ ހޭދަވާނެ ކަމަށް ބެލެވިފައިވާއިރު ރެއާލްގެ އެއް ނަމްބަރު ސެންޓަފޯވަޑަށް، ލީގުގައި މި އަންނަ ބުރާސްފަތި ދުވަހު ލެވަންޓޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި ހޮނިހިރު ދުވަހު ސެލްޓަވީގޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗްގައި ވެސް ނުކުޅެވޭނެ އެވެ. އަދި ރެއާލަށް ޑޮމެސްޓިކް ލީގު ކާމިޔާބު ކުރުމުގެ އުންމީދު ފަނޑުވެފައިވާއިރު އެ ޓީމަށް މިހާރު އުންމީދެއް އޮތީ ޗެމްޕިއަންސް ލީގާ މެދުގައެވެ. ޗެމްޕިއަންސް ލީގްގް ދެވަނަ ބުރުގައި އަންނަ ބުދަ ދުވަހު ރޯމާއާ ދެކޮޅަށް އަމިއްލަ ދަނޑު ސެންތިއާގޯ ބެރުނަބާބިއުގައި ކުޅެން ޖެހޭ މެޗްގައިވެސް ބެންޒަމާއަށް ނުކުޅެވުމަކީ ރެއާލްއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

ބެންޒަމާ ނެތްތަން ފޫބެއްދުން މިހާރު އޮތް ގޮތުން ބެންޒަމާ ނެތްތަން ފޫބެއްދުމަށް ރެއާލްއިން ނެރޭނީ ރެއާލްގެ ޒުވާން ފޯވަޑް ޖޭޒް ރޮޑްރިގޭޒްއެވެ. ޖޭޒްއަކީ ލަނޑު ޖެހުމުގެ ރޭޓް ރަނގަޅު ކުޅުންތެރިޔެކެވެ. އަދި ގޯލް ޖަހަން ބޯޅަ ތަނަވަސްކޮށްދޭ ކުޅުންތެރިޔެއްވެސްމެއެވެ. ނަމަވެސް ބެންޒަމާގެ ކިބައިގައި ހުރި އެކިޔުރޭޓް ހުނަރުތަކެއް އުމުރުން 23 އަހަރުގެ ޖޭޒްގެ ކިބައިގައި ނެތުމަކީ އެތަނަށް އެހެން ފޯމިއުލާއެއް ޒިދާން ނެރެފާނެ ކަމެކެވެ. އެއީ ބޭލްގެ ރިކަވާއަށްފަހު، އޭނާ ދަނޑަށް ނިކުތުމުން ޗެމްޕިއަންސް ލީގު މެޗުގައި ބޭލްގެ މަގާމުގައި ޖޭމްސް ބެހެއްޓުމަށްފަހު ސެންޓަ ސްޓައިކަރުގެ މަގާމު ބޭލަށް ދިނުމެވެ. މިހާރުވެސް އިންޖަރީގައި ހުރި ބޭލްގެ މަގާމު ފުރަމުން ދަނީވެސް ޖޭމްސް އެވެ.