28 Nov 2015, 13:27
ދެހިވަލަ، ސްރީ ލަންކާ، (28 ނޮވެމްބަރ )-- ސްރީ ލަންކާގެ ބޮޑު ސަރަހައްދަކުން 18 ގަޑިއިރަށް ފެނުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ލަންކާގެ ނޭޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑު (އެންޑަބްލިއުއެސްޑީބީ) އިން ބުނީ، ހޮނިހިރު (28 ނޮވެމްބަރު) ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އާދީއްތަ (29 ނޮވެމްބަރު) ދުވަހުގެ ފަތިހު 5:00 އާ ހަމައަށް ބޮޑު ސަރަހައްދަކުން ފެނުގެ ހިދުމަތް މެދުކެނޑާލަން ޖެހުނީ، އަންބަޓަލޭ ވޯޓާ ޕިއުރިފިކޭޝަން ސެންޓަރުގެ ކުއްލި މަރާމާތެއް ކުރުމަށްޓަކައި ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދު ތަކުގެ ތެރޭގައި، ދިވެހީންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ، ކޮލަމްބޯ، ދެހިވަލަ، ކަޅުބޯވިލާ، މައުންޓުލެވީނިއާ، ކޮއްޓޭ، މަހާރަގަމަ، ކަޑުއްވެލަ މުނިސިޕަލް ކައުންސިލް އޭރިއާ، އަދި މަހަރަގަމަ ހިމެނެއެވެ. މީގެ އިތުރުން ބޮރަލިސްގަމުވާ، ކޮލޮންނަވަ އާބަން ކައުންސިލް އޭރިއާ، ކޮޓިކަވައްޓަ އަދި މުއްލެރިޔަވަ ސަރަހައްދުންވެސް ފެނުގެ ހިދުމަތް މެދުކެނޑޭނޭ ކަމަށް އެންޑަބްލިއުއެސްޑީބީން ބުނެފައި ވެއެވެ.
ސަޕްލައި ފެނުގެ ހިދުމަތް މެދު ކެނޑޭނޭކަން ދުރާލައި އަންގާފައި ވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ، ޓޭންކުތަކުގައާއި އެހެނިހެން ތަކެތީގައި ފެން ރައްކާކޮށް ދުރާލައި އެކަމަށް ތައްޔާރުވެފައެވެ. އަދި އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންކުރާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ފެންބޭނުންކުރުން މަދުކޮށްފައެވެ.