07 Apr 2011, 07:59
މިއީވެސް ދައްކާލަން ރަނގަޅު ވާހަކައެކެވެ. އަވަށްޓެރިންގެ ވާހަކަ އެވެ. ގަބޫލުކުރާނެ ފަދައިން ކުރީޒަމާނާ އަޅާ ބަލާއިރު މިއަދުގެ މުޖުތަމަޢުގައި އަވަށްޓެރިން ގިނަ އެވެ. ޚާއްޞަކޮށް މާލޭގަ އެވެ. ވަށައިގެން މިހިރަ ކޮންމެ ގެއެއްހެން މި ހުންނަނީ ފަސްހަބުރިއަށް، ދިހަ ބާރަ ބުރިއަށް ނަގާފަ އެވެ. އެއިން ކޮންމެ ބުރިއެއްގައި އެތައް ބަޔެކެވެ. އެތައް އާއިލާ އެކެވެ. ހުސް އަވަށްޓެރިންނެވެ.
އަވަށްޓެރިން މުޖުތަމަޢުގައި މިހާ ގިނަވެފައި ވާއިރު، އަވަށްޓެރިންގެ މުހިންމު ކަމާމެދު ވިސްނާލަނީ ކިތައް މީހުންބާވަ އެވެ؟ އިސްލާމްދީން އަހަރެމެންނަށް އަންގަނީ، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށެވެ. އަޅާލައި އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. ނުފުދިގެން އުޅޭ ކަންކަން ފުއްދައި ދިނުމަށެވެ. ހާލުބަލައި، އޯގާވެރިވެ، ރަޙުމްކޮށް، ހަމްދަރުދީވުމަށެވެ. ދައްޗެއް ކުރިމަތިވެދާނެ ކޮންމެ ކަންކަމުން ރައްކާތެރި ވުމަށެވެ. އަވަށްޓެރިންނަށް އުނދަގޫކުރާ މީހުންނަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ ބައެއް ނޫންކަމަށް، ރަސޫލާ ހަދީސް ކުރައްވާފައި އޮތް އޮތުން އެއީ، އަވަށްޓެރިންގެ މުހިންމުކަން ކިތަންމެ ރަނގަޅަކަށް ވެސް ވަޒަންކުރެވޭ ކަމެކެވެ.
މިއީ އިސްލާމްދީނުގައި އަވަށްޓެރިންނަށް އިސްކަން ދީފައިވާ މިންވަރެވެ. އަހަރެމެންނަކީ މުސްލިމުންކަމަށް ވީހިނދު، އެކަމަކަށް އިސްލާމްދީން ތަރުޙީބުދޭ، ބާރުއަޅާ ކޮންމެ ކަމަކަށް އަހަރެމެން ސަމާލުކަންދޭން ޖެހޭނެ އެވެ. އެހެންކަމުން އަވަށްޓެރިންނަށް ހެޔޮކޮށް ހިތައި، އެހީތެރިކަން ފޯރުކޮށްދޭން އެބަ ޖެހެއެވެ. އުނދަގުލެއް ފޯރާނޭފަދަ ކޮންމެ ކަމަކުން ދުރުވާން އެބަ ޖެހެއެވެ. ކަން ކުރަންވީ ގޮތަކީ، އަމަލުތައް ބަހައްޓަންވީ ގޮތަކީ މިއެވެ. އެހެންނަމަވެސް މިއަދުގެ މި ތަހުޒީބު މުޖުތަމަޢުގެ ގިނަ މީހުންގެ އަމަލުތައް ހުންނަނީ މިގޮތަށް ބާވަ އެވެ؟
އަޅުގަނޑަށް ފެނިފައި ހުރި ބައެއް ތަންތަނާއި، އިވިފައި ހުރި ބައެއް އަޑުތަކަށް ބުރަވެ އެއްޗެއް ދަންނަވަންޏާ ދެންނެވެން އޮތީ، މިއަދުގެ މުޖުތަމަޢުގައި ގިނަ އަވަށްޓެރިންނަކީ ހަތުރުން ކަމުގަ އެވެ. މާލެއަށްވުރެ އަތޮޅުތަކުގައި މިކަން ބޮޑެވެ. ބައެއް މީހުން، ޖެހިގެން ހުންނަ ގޭގައި އުޅޭ މީހަކާ އަނގައިން ބުނެލާނީ، ކޮންމެވެސް ކަމަކާ ރުޅި އައިސްގެން ނިކުމެ ކުރިމަތިލާ ކުރިމަތި ލުމަކުންނެވެ. ޒުވާބެއް ނުވަތަ އަރައިރުން ވުމެއްގެ ސިފައިގަ އެވެ. "އެހީތެރިކަން" ފޯރުކޮށްދޭނީ، ކޮށްލާ ކޮންމެވެސް އުނދަގުލެއް ނުވަތަ ޖެއްސުމެއްގެ ތެރެއިންނެވެ. ފަހަރެއްގައިވެސް މިއީ އެންމެންގެ ބޮލުގައި އަޅުވާ އިލްޒާމެއް ނޫނެވެ.
އަވަށްޓެރިންނާ މައްސަލަޖެހި، ދެބަސްވުންތަކާއި ދެކޮޅުވެރިކަން އުފެދުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ދިރިއުޅުމުގެ ކަންކަމުގައި ތިމާ ވާދަކުރަން ޖެހޭ ފަރާތަކަށް އަވަށްޓެރިޔާ ހެދުމެވެ. އަވަށްޓެރިޔާގެ ގޭގެ ފުރާޅުގައި ޓިނު ޖަހައިފިއްޔާ އެފެންވަރު ނެތް ނަމަވެސް ތިމާވެސް އެކަން ކުރަން ޖެހެ އެވެ. ނުވެއްޖެނަމަ އޭނާއަށްވުރެ ދަށްވީ އެވެ. ހިތް ނުބައިވީ އެވެ. ކުދިންގެ މައްސަލައަކީ ވެސް، ވަރަށް ގިނަފަހަރު މައްސަލަ ހޫނުކުރާ ކަމަކަށް ވެއެވެ. ގޯތީގައި ހުންނަ ރުއް ގަހުން އެޅޭ ކުންޏާއި، މަގުމަތި ކުނިކަހަންޖެހުމުން ލިބޭ ވަރުބަލިކަމާއި، "ހިތް ހަމަޖައްސާލަން" ކޮށްލާ ބައެއް ކަންކަންވެސް ވަނީ އަވަށްޓެރިޔާގެ ދަތްބާރުކުރާ ކަންކަމަށެވެ. "ހެޔޮއެދޭ ފަރާތްތަކުން" އައިސް ދައްކާ "ހެޔޮއެދުމުގެ" ބަސްތަކުން ޖެހޭ ލައްގަނޑުތަކެއްވެސް ކުޑައެއް ނޫނެވެ.
އިސްލާމްދީނަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް ބާރުއަޅާ ދީނެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމާއި، ވަކިވެ ގަތުމަކީ ނިކަމެތިކަމެއް ކަމަށް ބަޔާންކުރާ ދީނެވެ. އެކުވެރިކަމުގެ މާތް މަތިވެރި ގުޅުން ވެސް ފެށެންވީ އެންމެ ގާތުންނެވެ. އާއިލާގެ ތެރެއިންނެވެ. އެއަށްފަހު ދެން ދާނީ އަވައްޓެރިންނާ ހަމައަށެވެ. އެހެންކަމަށްވާއިރު، އަވައްޓެރިންނާދޭތެރޭ ހިތް ނުބައިވެ، ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް ކަންކަން ބޮޑުވެފައި ވާނަމަ، ނިކަމެތިކަމަށް އަމިއްލައަށް ހުށަހޮޅިގަތުން ފަދަ ކަމަކަށް ނުވާނެ ބާވަ އެވެ؟
ތިމާގެ އަވައްޓެރިންނާ ތިމާއާ ދޭތެރޭ އޮތް ގުޅުން ރަނގަޅުހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް މިއަދު އަމިއްލަ ނަފުސާ ކޮށްލަން ރަނގަޅު ސުވާލެކެވެ. ލިބޭ ޖަވާބަކީ އާއެކޭ ނަމަ އެއޮތީ ރަނގަޅަށެވެ. ތިގޮތުގައި ދެމި ހުންނާށެވެ. ނޫނެކޭ ނަމަ، އަވަހަށް ފިޔަވަޅު އަޅާށެވެ. ޖެހިފައިވާ ކުނި ބުނިތައް ސާފުކޮށް، އަވައްޓެރިޔާގެ ގޭގެ އޮޅިގަނޑަކީ ތިމާއަށް ގިރާކުރެވޭފަދަ އޮޅިގަނޑަކަށް ހަދާށެވެ. އަދި ތިމާގެ ގޭގެ އޮޅިގަނޑު ލައްވާ އަވައްޓެރިޔާއަށް އިސްތިގުބާލު ކުރުވާށެވެ. ހީނުކުރާފަދަ ބޮޑު ފިނިކަމެއް ހިތަށް ލިބޭނެ އެވެ.