28 Nov 2015, 10:43
'މެން އިން ބްލެކް' ފިލްމު ސީރީސް، 'ސެވެން ޕައުންޑްސް' އަދި 'އާފްޓާ އާތު' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސްމިތު، މުސްތަގުބަލުގައި ސިޔާސީ ދާއިރާއިން ފެނިގެން ހިނގައިދާނެ ކަމުގެ ފެހި ސިގްނަލް ދީފިއެވެ.
އުމުރުން 47 އަހަރުގެ ސްމިތު ބުނީ، ދުނިޔެއަށް "ބޭނުންތެރި ކަމެއް" ކޮށްދިނުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށާއި، އެ ހުވަފެން ސިޔާސީ ދާއިރާ މެދުވެރިކޮށް ހަގީގަތަކަށް ހެދިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
" އަހަންނަކީ ދުނިޔެއަށް، ދުނިޔޭގައި ދިރިއުޅޭ މީހުންނަށް ބޭނުންތެރި މީހަކަށް ވުން އެއީ އަހަރެންގެ މާމަގެ އަބަދުގެ އެދުމަކީ،" ވިލް ސްމިތު ބުންޏެވެ.
ވިލް ސްމިތު ބުނީ، ސިޔާސީ ދާއިރާއަށް އޭނާގެ ބޭނުން ޖެހިދާނެ ކަމަށާއި، އެ ދާއިރާއިން އޭނާއަށް ކުރިމަގެއް ވެސް ފެނިދާނެ ކަމަށެވެ.
ވިލް ސްމިތު އަކީ އެކްޓަރެއްގެ އިތުރުން ރެޕަރ އެއް އަދި ޕްރޮޑިއުސަރެކެވެ.
އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ގްރެމީ އެވޯޑު ހާސިލްކޮށް ހަތަރު ފަހަރެއްގެ މަތިން ގޯލްޑަން ގްލޯބު އެވޯޑަށްވެސް ނޮމިނޭޓު ވެފައެވެ.